މާދަރީ ބަސް

މާދަރީ ބަސް

އަބްދުﷲ އާރިފް / ރ. އަލިފުށި

ތަޢާރަފް

ބަހަކީ އެއާއި ނުލާ އިންސާނީ އެންމެހާ ބޭނުންތައް ފުރިހަމަ ނުކުރެވޭނެ އެއްޗެކެވެ. ބަހަކީ ކޮންމެ ބަޔަކަށްވެސް ގިނަގުނަ ފައިދާތަކެއް ކުރުވާ އެއްޗެކެވެ. ޚާއްސަކޮށް އަމިއްލަ މާދަރީ ބަހެއް އޮތުމަކީ ކޮންމެ ބަޔަކުވެސް އެކަމާއި ފަޚުރުވެރިވުން ހައްޤު އެއްޗެކެވެ.

ކަންމިހެން އޮތްނަމަވެސް، ދިވެހި މުޖުތަމަޢުގައި ބަހަށް ޚާއްޞަ ޤަދަރެއް ނުދެވެއެވެ. އެ ބަހަށް ޚިދުމަތް ކުރާނެ ދަރިންނެއް ނުތިބެއެވެ. ދިވެހި އުފެއްދުންތެރިކަންވެސް އެހާމެ މަދެވެ. ނަތީޖާއަކަށްވަނީ ދިވެހި ކިޔަވާ ދަރިވަރުންވެސް ދިވެހިބަސް ކިޔަވަން ފޫހިވުމެވެ. އެހެންކަމުން މިމަޒުޒުމޫނުގައި އަލިއަޅުވާލާނީ “ދިވެހިބަސް ކިޔަވަން ދަރިވަރުން ފޫހިވާ ސަބަބުތަކާއި އޭގެ ހައްލުތަކުގެ މައްޗަށެވެ”.

މިމަޒުމޫނުގައި ބަހުގެ ތަޢާރަފަކާއި، ބަހުގެ ބޭނުން ހިމަނާލާފައިވާނެއެވެ. ދިވެހިބަސް ކިޔަވަން ދަރިވަރުން ފޫހިވާ މައިގަނޑު ސަބަބުތަކާއި އޭގެ ހައްލުތައް ދިރާސާގެ އެހީގައި އެކުލަވާލާފައިވާނެއެވެ. މީގެ އިތުރުން އެކިއެކި ބޭބޭފުޅުންގެ ވާހަކަފުޅައި ޚިޔާލުތަކަށް ހަވާލާދީފައިވާނެއެވެ. އާއިލާއާއި، މަދަރުސާތަކާއި ދިވެހި މުޖުތަމަޢު މިކަމުގައި ކުރަންޖެހޭ ގިނަގުނަ ކަންތައްތައް ވެސް ހިމަނާފައިވާނެއެވެ.

އަޅުގަނޑުގެ ދުޢާކީ މި މަޒުމޫނުގެ ސަބަބުންވެސް ދިވެހިބަހަށާއި ދިވެހި ކިޔަވާކުދިންނަށް މިކަމުގައި ފަހި، ފާގަތި މުސްތަޤުބަލަކަށް ފުރުޞަތުހުޅުވި، ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާ ސަބަބުތަކަށް އަވަސް ފުރިހަމަ ޙައްލެއް މާތް ﷲ މިންވަރުކުރެއްވުމެވެ.

ފެށުން

ބަސްމޮށުންތެރިކަމަކީ މާތްﷲ އިންސާނާއަށް ދެއްވާފައިވާ ވަރަށް ޚާއްސަ ސިފައެކެވެ. ބަހަކީ އެކެއްގެ ޚިޔާލާއި ޝުޢޫރާއި ވިސްނުމާއި ފިކުރާއި ޖަޒުބާތާއި އިޙުސާސްފަދަ އިންސާނީ އެންމެހާ ބޭނުންތައް އަނެކާއަށް ނުވަތަ އަނެކުންނަށް އަންގައިދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ. ސަވާރީއެވެ. އެހެންކަމުން ބަހުގެ ބޭނުން ނުކުރާ ހަމަ އެކަކުވެސް ނުވަތަ ބަޔަކުވެސް ނޫޅޭނެއެވެ. ސަބަބަކީ އެކަނިމާއެކަނި ހަމަހިމޭން ތަނެއްގައި އިނދެގެން ވިސްނާ މީހާ ވިސްނަމުން ދާނީވެސް ބަހުގެ ބޭނުން ކޮށްގެނެވެ. އެހެންކަމުން ބަހަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު އެއްޗެކެވެ.

ކަން މިހެން އޮތުމާއިއެކު އަމިއްލަ މާދަރީބަހެއް އޮތުމަކީ ކޮންމެ ބަޔަކުވެސް އެކަމާމެދު ފަޚުރުވެރިވާނޭ ކަމެކެވެ. އެގޮތުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ކުދިކުދި ރަށްތަކުގައި އުޅޭ ދިވެހިން ވާހަކަ ދައްކަމުންދާ މާދަރީ ބަހަކީ އެއާމެދު އެންމެހާ ދިވެހިން ފަޚުރުވެރިވުން ޙައްޤު ބަހެކެވެ. މި ބަސް ދިރުވާ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ހިތާމަޔަކީ ދިވެހި ބަހާމެދު އޮންނަންވާ ޤަދަރު މިމުޖުތަމަޢުގައި ކުޑަވެ، އެއަށް “އިހާނެތި” ގޮތްތައް ހަދާކަމެވެ. މިއީ އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަހަށް ވާއިރު މިބަސްދެކެ “ރުޅިއައިސް”،”ގަދަރުކުޑަކޮށް”،”ފޫހި” ވާކަމުގެ އަލާމާތްތައް ދެއްކުމަކީ މުސްތަޙީލު ކަމެކެވެ. އެހެންކަމުން މިދިވެހިބަހަށް ޚިދުމަތްކުރާނެ ދަރިންތަކެއް އުފެއްދުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ނަމަވެސް ހިތާމަޔަކީ އަދުގެ މުޖުތަމަޢުގައި ކިޔަވާކުދިންވެސް މާދަރީބަހަށް، އާދެ! ދިވެހިބަހަށް ކުލުނެއް ނެތުމެވެ. ދިވެހިބަސްދެކެ ފޫހިވުމެވެ. އެބަސް އުނގެނުމަށްވެސް އިންކާރުކުރުމެވެ. އެހެންކަމުން މިމަޒުމޫނުގައި އަލިއަޅުވާލާނީ ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާ ސަބަބުތަކާއި އޭގެ ޙައްލުތަކުގެ މައްޗަށެވެ.

ދިރާސާ

ކިޔަވާކުދިން ދިވެހިބަސް ކިޔަވަން ފޫހިވާ ސަބަބުތައް ވަރަށް ގިނައެވެ. ތިރީގައި އެވަނީ މިކަމާއިމެދު ދަރިވަރުންގެ (50 ދަރިވަރުން) ޚިޔާލު ހޯދުމަށް ކުރި ދިރާސާގެ ނަތީޖާއެވެ.

10

ނަތީޖާއިން ދައްކާގޮތުގައި ދިވެހިބަހާއިމެދު %72 ދަރިވަރުން ފަޚުރުވެރިވާއިރު %28  ދަރިވަރުން ފަޚުރުވެރިއެއް  ނުވެއެވެ. އަދި %52 ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާކަމަށް ބުނާއިރު %22 ދަރިވަރުން ކިޔަވަން ފޫހިނުވާކަމަށް އަދި %26 ދަރިވަރުން މިބަސް ކިޔަވަން ބައެއްފަހަރު ފޫހިވާކަމަށް ފާހަގަ ކުރެވެއެވެ.

ކަންމިހެންހުރުމާއިއެކު، މިކަމުގެ މައިގަނޑު ސަބަބުތައް ބަލާލުމަށް ކުރި ދިރާސާގެ ނަތީޖާ ތިރީގައި އެވަނީ އެވެ.

11

މި ނަތީޖާއިން ދައްކާގޮތުގައި %48 ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވަނީ ކިޔަވައިދެއްވާ މުދައްރިސުންގެ ސަބަބުންނެވެ. %31 ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވަނީ ވަސީލަތްތައް ނެތުމުންކަމަށް ބުނާއިރު %21 ދަރިވަރުން ތަފާތު އެހެނިހެން މައްސަލަތައް ފާހުކޮށްފައިވެއެވެ. މިސާލަކަށް އިމްތިޙާން ކުރެވޭ ބައިތައް ކަމުނުދިޔުމާއި، ލިޔާއިރު ފިލިޖަހަން ޖެހުން ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ. ވުމާއިއެކު މިދިރާސާގައި މިކަަންކަމަށް އަލިއަޅުވައި މިކަމުގެ ހައްލުތައް ހިމަނާފައިވާނެއެވެ. އަދި މީގެ އިތުރުން ގޭތެރެއާއި، މަދަރުސާއާއި މުޖުތަމައުގެ ސަބަބުން މިކަމަށް މަގުފަހިވާ ކަންތައްތަކާއި އޭގެ ހައްލުތައްވެސް ހިމަނާފައިވާނެއެވެ.

ގޭތެރެ/ އާއިލާ

ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާ މައިގަނޑު އެއްސަބަބަކީ ގޭތެރެ ނުވަތަ އާއިލާގެ ތެރޭގައި ދިވެހިބަހަށް ދެވޭ ސަމާލުކަން ކުޑަވުމެވެ. އެގޮތުން ބަލާއިރު ކުދިން އެންމެ ތުއްތު އިރުއްސުރެން ފެށިގެން މައިންބަފައިން އެކުދިންނަށް ބިދޭސީބަހެއް، “އިނގިރޭސިބަސް” ދަސްކޮށްދިނުމަށް މަސައްކަތް ކުރުން ފާހަގަ ކުރެވެއެވެ. މިކަން މިގޮތަށް ވުމަށް ދިމާވާ މައިގަނޑު ސަބަބަކީ އަޅުގަނޑުމެންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް، ދަރިވަރުން ބިދޭސީބަހުން ނުވަތަ އެހެން މާއްދާއަކުންވެސް މޮޅުވުމަށްޓަކައި މާދަރީބަހުގެ މުހިންމުކަން ހަނދުމަ ނައްތާލުމެވެ. ނަތީޖާ އަކަށްވަނީ އެއްކަލަ ތުއްތު ކުއްޖާއަށްވެސް ދިވެހި ބަސް އުނގެނުމުގެ ބޭނުން ނެތްކަމުގައި ހީވުމެވެ. ދިވެހިބަސް އުނގެނުމަކީ ބޭކާރު ކަމެއް ކަމަށް ހީކުރެވުމެވެ. ދިވެހިބަސް ދެކެ ފޫހިވުމެވެ.

ބަސްވާރުން ވިދާޅުވާކަމަށް ޢަބުދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (2010) ވިދާޅުވެލައްވަނީ “ތިބާގެ ދަރިފުޅުގެ މާދަރީބަހަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް އެކުއެކީގައި ކުރިޔަށް ގެންދާނަމަ އެކުއްޖާއަށް މާފަސޭޙައިން މާމޮޅަށް އިނގިރޭސި ބަސްވެސް ދަސްކުރެވޭނެއެވެ”. އެހެންކަމުން،  ދަރިވަރުން ބަހަށް ލޯބި އުފެއްދުމަށްޓަކައި މައިންބަފައިން ނުވަތަ ބެލެނިވެރިން މިކަމަށް ވަރަށްބޮޑު ސަމާލުކަމެއްދީ ގޭތެރޭގައި އުޅޭއިރުވެސް އަމިއްލަ ބަހަށް ލޯބިކޮށް، އެބަހުން އުނގެނުމަށް ބާރުއެޅުމަކީ މުހިންމު ކަމެކެވެ. އަދި ދިވެހިބަސް އުނގެނުމުގެ މުހިންމުކަން ދަރިވަރުންނަށް ވިސްނޭވަރަށް އެބަހާއި ގާތްކުރުވުން މުހިންމެވެ. އޭރުން އަޅުގަނޑުމެންގެ ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވުން ކުޑަކުރެވިދާނެއެވެ.

މަދަރުސާ

ކޮންމެ ދަރިވަރެއްގެވެސް ދެވަނަ ގޮވެއްޗަކީ ނުވަތަ އުޅެބޮޑުވާ ދެވަނަ މާޙައުލަކީ މަދަރުސާކަމުން،މިކަމުގައި މަދަރުސާތަކުން ކޮށްދެވިދާނެ ކަންތައްތައް ވަރަށްވެސް ގިނައެވެ. މަދަރުސާތަކަކީ ދަރިވަރުންގެ ވިސްނުމާއި، ޚިޔާލާއި ފިކުރުތަކަށް ވަރަށްބޮޑު ނުފޫޒެއް ފޯރުވާ ތަނަކަށް ވާއިރު، މިކަމުގައިވެސް އެންމެ އިސްރޯލެއް އަދާކޮށްދެވޭނެ ތަނަކީ މަދަރުސާތައް ކަމުގައި އަޅުގަނޑު ދެކެމެވެ.

ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާ މައިގަނޑު އަނެއް ސަބަބަކީ މަދަރުސާތަކުގައި ދަރިވަރުންނަށް ކިޔަވައިދޭ މާއްދާތަކުގައި ދިވެހިބަސް ކިޔަވައިދެވޭ މިންވަރު ކުޑަވެ އެބަހުގެ ބޭނުން ނެތްކަމުގައި ހީވާވަރަށް އެބަހުގެ “ޤަދަރު” ކުޑަކުރުމެވެ. ދަންނަވަން މިއުޅެނީ އަޅުގަނޑުމެންގެ މަދަރުސާތަކުގައި ދިވެހި އަދި އިސްލާމީ ތަރުބިއްޔަތު ފިޔަވާ އެހެން ހުރިހާ މާއްދާއެއްވެސް އިނގިރޭސި ބަހުން ކިޔަވާދެއްވާ ވާހަކައެވެ. އަދި މީގެ ސަބަބުން ހުރިހާ ބެލެނިވެރިންވެސް ދަރިންނަށް އިނގިރޭސި ދަސްކޮށްދޭން މަސައްކަތްކޮށް ދިވެހިބަސް “އަތުކޮޅަށް ހޫރާލާ” ވާހަކައެވެ.  ޢަބްދުﷲ ޒަމީރު ( 2011) ހާމަ ކުރައްވާ ގޮތުގައި ދަރިވަރު ލިޔެ ކިޔަން ފަށާ އުމުރުން ފެށިގެން މައިންބަފައިންނާއި ބެލެނިވެރިން ދަރިވަރުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭން މަސައްކަތް ކުރުމުގެ ނަތީޖާ އަކަށް ވަނީ  އަލަށް މުޖުތަމަޢަށް ތަޢާރަފުވާ ކޮންމެ ކުއްޖަކު ކަހަލަ ގޮތަކަށް ދިވެހި ބަހަށްވުރެ އިނގިރޭސިބަހަށް އިސްކަން ދިނުމެވެ. ވީމާ، ދަރިވަރުން ދިވެހި ބަހަށް ލޯބި ޖެއްސުމަށްޓަކައި މަދަރުސާތަކުގައި ދިވެހިބަސް ކިޔަވައިދެވޭ ވަގުތު އިތުރުކޮށް އެއަށް ދޭ ސަމާލުކަން އިތުރުކުރުން މުހިންމެވެ.

ދަރިވަރުން ދިވެހިބަސް ކިޔަވަން ފޫހިވާ އަނެއް ސަބަބަކީ ދިވެހިބަސް ކިޔަވާ ދެއްވާ މުދައްރިސުންގެ ފެންވަރު ދަށްްވުމެވެ. އެބޭފުޅުންގެ ކިބައިގައި ބަސްކިޔަވައި ދިނުމުގެ ހުނަރު ނެތުމެވެ.  ދިރާސާގެ ނަތީޖާއަށް ބަލާލުމުންވެސް މިކަން ވަރަށް ރަނގަޅަށް އެނގެއެވެ. މިއަދާ ހަމައަށްވެސް އަޅުގަނޑުމެންގެ މަދަރުސާ ތަކުގައި ތަމުރީނުވެގެން ކިޔަވައި ދެއްވާ ދިވެހި މުދައްރިސުން ވަރަށް މަދެވެ. ނަތީޖާ އަކަށް ވަނީ ދިވެހި ބަސް ކިޔަވައި ދެއްވަން ވަޑައިގަންނަވާ މުދައްރިސައްވެސް ދިވެހިބަސް އޮޅުން ފިލާފައި ހުރި މިންވަރު ދަށްވުމެވެ. ދަރިވަރުން ޝަޢުޤުވެރިވާފަދަ ގޮތަކަށް ފިލާވަޅުރާވާލައިގެން ކުރިއަށް ގެންދަން ނޭނގުމެވެ. އަދި ޒަމާނީ ވަޞީލަތްތައް ބޭނުން ކޮށްގެން ފިލާވަޅު ހުށަހަޅައި ނުދެވުމެވެ. އެންމެ ކުރީގެ “ކަޓު” ގޮތްގޮތަށް، އާދެ!ތަޤުރީރެއްދޭ އުސޫލުން ފިލާވަޅުތައް ނަގައިދީ ދަރިވަރުން ލައްވާ ގަދަކަމުން ފިލާވަޅުތައް ހައްދުވާ އުސޫލު ގެންގުޅުމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން މިއަދުގެ މުޖުތަމަޢުގައި މިފަދަ ކަންކަމަކަށް ޖާގައެއް ނެތެވެ. މުދައްރިސުންނާއި ދަރިވަރުން ގުޅިގެން ފިލާވަޅުތައް ކުރިއަށް ގެންދިޔުމަކީ ތަޢުލީމު ކުރިއެރުވުމަށް އެޅޭ ބާރަކަށް ވަނީ ވެފައެވެ. ވުމާއެކު ދަރިވަރުން ދިވެހި ބަހަށް ޝަޢުޤުވެރިކޮށް، ބަހާމެދު ފޫހިވުން ކުޑަކުރުމަށްޓަކައި ކުރިން ދެންނެވުނު “ކަޓު” ގޮތްތައް ދޫކޮށްލަން ޖެހެއެވެ. މުދައްރިސުންގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ވަޞީލަތްތަކުގެ އެހީގައި  ފިލާވަޅުތައް ރާވާ، ނަގައިދިނުމުގެ އުސޫލު އަށަގަންނަވަން އެބަޖެހެއެވެ. މިކަން ފުރިހަމަ ގޮތުގައި ކުރެވިއްޖެނަމަ އިސާހިތަކު ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެހިގެން ދާނެއެވެ.

ބަހެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ ކޮބައިތޯއެވެ. އަމިއްލަ ބަހަކާއި އަކުރެއް އޮތުމުން ލިބޭ ފައިދާއަކީ ކޮބައިތޯއެވެ. ދިވެހި ބަހުގައި ހުރި ޚާއްސަ ސިފަތަކަކީ ކޮބައިތޯއެވެ. މިއީ މި މަޢުޟޫއަށް މަޒުމޫނެއް ލިޔާއިރު ޖަވާބު ހޯދާލުން މުހިންމު ސުވާލުތަކެކެވެ. ހިތާމަޔާއެކު ދަންނަވާލަން ޖެހެނީ މި ސުވާލުތަކުގެ ޖަވާބު އަދުގެ ކިޔަވާ ކުދިންނަށް ނޭނގޭ ކަމެވެ. ކަމެއްގައި ހުރި ފައިދާތަކާއި މަންފާތައް ނޭނގި އެކަމެއް ކުރަން އުޅޭނަމަ  އެކަމެއް ކުރާހިތްވުން ކުޑަވާނެއެވެ. އެކަމެއް ކުރަން ފޫހިވާނެއެވެ. މިއަދު ދިވެހި ކިޔަވާ ކުދިންނަށް ދިމާވެފައި މިވަނީ މި މައްސަލައެވެ. ބަހަކީ ކޮބައިކަމާއި ބަހުގެ މުހިންމުކަމަކީ ކޮބައިކަން އަދި އޭގައި އެކުލެވިގެންވާ ޚާއްޞަ ސިފަތަކަކީ ކޮބައިކަން ނޭނގި، އެހެންނަމަވެސް ކިޔަވަން މަޖުބޫރުވެ  ކިޔަވަން ޖެހުމުން ވެރި ކުރުވާ ފޫހިކަން ވެރި ވެފައެވެ. އެހެން ކަމުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ދެކިގެން ދިވެހި ބަހާމެދު ދަރިވަރުން ހޭލުންތެރި ކުރުން މުހިންމެވެ. ދިވެހި ބަސް ކިޔަވައި ދެއްވާ ގިނަ މުދައްރިސުން އިއްތިފާގުވެލައްވަނީ ” ދިވެހި ބަސް ކިޔަވަން ދަރިވަރުން ފޫހިވާ އެންމެ ބޮޑު ސަބަބަކީ އޭގެ ބޭނުން ނޭނގުން. ބަހެއްގެ ސަބަބުން ޘަޤާފަތާއި ތާރީޚަށް ލިބޭ މުއްސަނދިކަމާއި ފައިދާ ޚިޔާލަށްވެސް ގެންނަން ނޭނގުން. އަދި މި ދިވެހި ބަހުގައި ހުރި ޚާއްޞަ ސިފަތަކަކީ ކޮބައިކަން ކުޑަކޮށްވެސް ނޭނގުން.” ދިވެހި ބަސް ކިޔަވަން ދަރިވަރުން ޝަޢުޤުވެރިކުރެވޭނީ މި ދެންނެވި ކަންތައްތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް މިކަމުގެ މަޢުލޫމާތު އިތުރު ކޮށްގެނެވެ.

ދެންނެވުނު ކަންތައްތަކުގެ އިތުރުން ދެން ބަލައިލަން ޖެހޭ އަނެއްކަމަކީ ދަރިވަރުން ކިޔަވަމުންދާ ފޮތާއި މުޤައްރާއި ހުރި ގުޅުމެވެ. އަދި އިމްތިޙާނު ކުރެވޭ މައިގަނޑު ބައިތަކެވެ. މި މޭރުމުން ނަޒަރު ހިންގާލާއިރު ފާހަގަވަނީ  މުޤައްރަރާއި ދަރިވަރުންނަށް ދެވިފައިވާ ދަރިވަރުންގެ ފޮތްތަކާ ދެމެދު ހުރި ގުޅުން ކުޑަކަމެވެ. އަދި އިމްތިޙާނުގައި ދަރިވަރުން އިމްތިޙާނުކުރެވެނީ ލިޔުންތެރިކަމުގެ ރޮނގުން އެކަނި ކަމެވެ. ޚާއްޞަކޮށް ލިޔުންތެރިކަމުގެ ވަރަށް މަދު ދާއިރާ ތަކަކުން ކަމެވެ. މީގެ އިތުރުން ދަރިވަރުންގެ ފޮތްތަކުގައި ހަވާލާ ދެވިފައިވާ ފޮތްތައް، މިސާލަކަށް ފަތްތޫރަ ފަދަ ފޮތްތައް އާންމުކޮށް ހުރިހާ ދަރިވަރުންނަށް ލިބެން ނުހުންނަ ކަމެވެ.  މިފަދަ ކަންތައްތައް މިހެން ހުރުމަކީ ބަސް ކިޔަވާ ދަރިވަރުންގެ ޝަޢުޤުވެރިކަން ކުޑަވާ ފަދަ ކަންކަމެވެ. އެހެންކަމުން މުޤައްރަރާއި ދަރިވަރުންގެ ފޮތްތައް އިސްލާޙު ކުރުމަކީ މިކަމުގައި އެޅިދާނެ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. އަދި އިމްތިޙާނު ކުރެވޭ ބައިތައް މިހާރައްވުރެ ފުޅާކުރުމަކީވެސް ކުރެވިދާނެ، ކުރުން މުހިންމު ކަމެކެވެ. ކުލާހުގައި ދަރިވަރުންނަށް ފޮތުން ފިލާވަޅުތައް ދިނުމުގެ އިތުރުން ތަފާތު ޢަަދަބީ މުބާރާތްތައް ނުވަތަ ދަރިވަރުންގެ ޢަދަބީ ހުނަރު ތަރައްޤީ ކުރެވިދާނެފަދަ އިތުރު ޙަރަކާތްތަކެއް ހިންގުމަކީވެސް ދަރިވަރުންގެ ޝަޢުޤުވެރިކަން ޙާޞިލް ކުރެވޭނެ ކަމެކެވެ.

މުޖުތަމަޢު

މަދަރުސީ ދައުރުގެ އިތުރުން މުޖުތަމަޢުގެ އާންމު ޙާލަތު ހުރިގޮތައް ބަލައިލުންވެސް މުހިންމެވެ. އަދުގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު ހަތަރު ފަރާތުންވެސް ފެންނަމުންދަނީ ހުޅަނގުގެ ކުލަވަރެވެ. ދިވެހިންގެ މެދުގައި އިނގިރޭސި ބަސް މަޤުބޫލު ވެފައިވާ މިންވަރެވެ. އިނގިރޭސިބަސް ނޭނގޭ މީހަކީ މީހަކަށް ނުވާކަހަލައެވެ. ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު(2011) ހާމަކުރައްވާ ގޮތުގައި “ދިވެހީން(ގެ ގިނަ ބަޔަކު) ޤަބޫލުކުރާ ގޮތުގައި ތަޢުލީމު ޙާޞިލުކުރުމަކީ އިނގިރޭސި ބަސް ދަސްކުރުމެވެ. މި ކަމުގެ ސަބަބުން ޢިލްމު ޙާޞިލުކުރާނެ ފުރުޞަތެއް ދަރިވަރުންނަކަށް ނުލިބެއެވެ”.އިނގިރޭސި ބަހުގެ ޤަވައިދާ އެއްގޮތްވާ ގޮތްނޫންގޮތަކަށް ޖުމުލައެއް ބުނެވުނަސް ފުރައްސާރަކޮށް ހަޖޫކިޔައެވެ. އަދި އެއީ ލަދު ގަންނަން ޖެހޭ ކަމަކަށް ވެއެވެ. ނަމަވެސް ހިތާމައަކީ ދިވެހި ބަހުގެ ޤަވައިދާމެދު  އެއްވެސް ފަރުވާލެއް ނުބެހެއްޓޭ ކަމެވެ. މިސާލަކަށް ހުންނަން ޖެހޭ އެއްޗެއް އިންނަ ވާހަކަ ބުނުމުންވެސް އެކަމާމެދު ފިކުރު ކުރާނެ ދިވެހިން ވަރަށް މަދެވެ. މިސާލަކަށް މޭޒުކައިރީގައި އިން ގޮނޑި، ފަންގިފިލާގައިއިން ފަންކާއޭ ބުންޏަސް އެއީ ކުށް ގޮތެއްކަން އެނގޭ ނުވަތަ އެ ކުށް އިސްލާޙުކޮސްދޭން ބޭނުންވާ މީހަކުވެސް  ނުވަތަ ދަރިވަރަކުވެސް ވަރަށް މަދެވެ.  އަދި އެކަން ރަނގަޅުކޮށްދިނަސް އެކަމާއި ހަޖޫކިޔައެވެ. އެހެންކަމުން އަދުގެ މުޖުތަމައުގައި ދިވެހިބަހަށް ދީފައިވާ ގަދަރާއި އިޙްތިރާމު އިތުރުކުރަން  ޖެހެއެވެ. މިހެން ބުނެވޭ ކުށްތަކާއި ލިޔުމުގައި ހުންނަ ކުށްތައް ފާހަގަކޮށް ބަހަށް ޚިދުމަތް ކޮށްދޭނެ ދިވެހިންތަކެއް އުފެދިއްޖެނަމަ ކިޔަވާކުދިންވެސް ދިވެހިބަހަށް ޝައުގުވެރިކުރެވިދާނެއެވެ.

ދިވެހި ބަހަށް ދަރިވަރުން ޝަޢުޤުވެރި ނުވާ ސަބަބުތަކަށް ބަލައިލާ މަޒުމޫނެއް ލިޔަމުންދާއިރު ހިތާމަޔާއެކު ދެން ފާހަގަކޮށްލަން ޖެހޭ ކަމަކީ ލިޔުންތެރިކަމުގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ދިވެހިބަހަށް  ކޮށްދެއްވާފައިވާ ޚިދުމަތްތައް މަދުކަމެވެ. ބަހަށް ޚިދުމަތްކުރަމުންދާ މީހުން މަދު ކަމެވެ. ދަރިވަރުންނަށް އެކަށޭނެ، ފެންވަރު ރަނގަޅު އުފެއްދުންތައް މަދުކަމެވެ. ކަންމިހެން ހުރުމުގެ ސަބަބުން ދިވެހިބަސް ކިޔަވާ ކުދިންނަށް ފޮތްތަކުންނާއި “ވެބްސައިޓްތައް” އަދި “ބްލޮގްތަކުން” އެންމެ އެދެވޭ އެހީ ނުލިބެއެވެ. އާޚިރު ނަތިޖާ އަކަށްވަނީ އެހެން ބަސްބަހުން ލިޔެފައި ހުންނަ ތަކެތީގެ ބޭނުން ޖެހި ދިވެހި ބަހުން ލިޔެފައި ހުންނަ މަދު ފޮތްތައް ކިޔަން ފޫހި ވުމެވެ. ޢަބްދުﷲ ޒަމީރު (2011) ހާމަކުރައްވާ ގޮތުގައި ދިވެހިބަހުން އުފައްދާފައިވާ އުފެއްދުންތައް މަދުވުމުގެ ސަބަބުން ދަރިވަރުން ޖެހެނީ އެންމެ ފަސޭހައިން ލިބެންހުރި ރަނގަޅު ވަޞީލަތްތައް ބޭނުންކުރާށެވެ. އެގޮތުންބަލާއިރު އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔެކިޔުންތައް ގިނަވުމުގެ ސަބަބުން އެބަހުގެ ނުފޫޒު މިކަމުގައި ވަރަށް ބޮޑެވެ. ވުމާއެކު އަދުގެ މުޖުތަމަޢުގައި ދިވެހި މާއްދާއަށް ދަރިވަރުންގެ ޝަޢުޤުވެރިކަން އިތުރު ކުރުމަށްޓަކައި ބަހުގެ ފޭރާން ރަނގަޅުކޮށް ކުރިއަރުވަން ޖެހެއެވެ. މިކަން ޙާޞިލް ކުރެވޭނެ އެއްގޮތަކީ ދިވެހި ބަހުން، ދަރިވަރުންނާ ގުޅޭ ފެންވަރު ރަނގަޅު އުފެއްދުންތައް އުފައްދާ، އޮށްޓަރު ހުރި، ބަހުގެ ގޮތުން ތަނަވަސް ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރުމެވެ.

ޓެކްނޮލޮޖީގެ ރޭހުގައި ދުނިޔެ މިދަނީ ދުވަހެއް ދުވަހަކަށް ކުރި އަރަމުންނެވެ.މިއާއެކު އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުވެސް އަންނަނީ މިކަމުގައި ބައިވެރިވަމުންނެވެ. ކަން މިހެން ހުރި ނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ޓެކްނޮލޮޖީއާއި އެއްހަމައެއްގައި ދިވެހި ބަސް ކުރިއަރަމުންނުދާކަމެވެ. ދިވެހި ބަސް ޓެކްނޮލޮޖީއާއި ބީރައްޓެހިކަމެވެ. ކޮންޕިއުޓަރު ތަޢާރަފުކުރެވި އެއިން ގިނަ މަސައްކަތްތަކާއި ކުޅިވަރުތަކެއް ކުޅެވި، މުނިފޫހި ފިލުވުމުގެ ގިނަ ކަންތައްތަކެއް އޭގައި ހިމެނިފައިވާއިރު މިއިން އެއްވެސް ކަމެއް ދިވެހި ބަހުން ކުރެވެން ނުހުންނަކަމީ މިއަދު އަޅުގަނޑުމެން ދެރަވެ ކަންބޮޑުވާންޖެހޭ ކަމެކެވެ.  ކިޔަވާ ދައުރަކީ މިފަދަ ގިނަ ކަންތައްތަކަށް ލޯހުޅުވިފައި މިފަދަ ގިނަ ތަކެތީގެ ބޭނުން ކުރާ ދައުރަކަށްވާއިރު މިއިން އެއްވެސް ކަމެއް ކުރެވޭނެ ފަދައެއް ނެތުމަކީ ދިވެހިބަސް ކިޔަވާ ދަރިވަރުން އެކަމަށް ޝަޢުޤުވެރިކުރުވުމަށް އެޅޭ ހުރަހެކެވެ.

އެހެން ކަމުން މިއަދު ތަރައްޤީ ވަމުންމިދާ ދުނިޔޭގައި ދިވެހިބަސް ފައިހަމަ ކޮށްގެން ނޫނީ ދަރިވަރުން މި ބަސް ކިޔަވާހިތެއް ނުވާނެއެވެ. އެގޮތުން “ކޮންޕިއުޓަރުގޭމު” ތަކާއި”ޗެޓް” ކުރެވޭނެ ވަޞީލަތްތަކާއި “އެމް.އެމް.އެސް” ، “އެސް. އެމް. އެސް” އަދި “އީ-މެއިލް” ފަދަ މުހިންމު ބޭނުންތައް ފުއްދާއިރު ދިވެހިބަހުން އެޚިދުމަތްތައް ލިބޭނެ ގޮތް ހަދަން އެބަޖެހެއެވެ. ދިވެހި ބަސް ކިޔަވައިދޭ ޕުރޮގުރާމު ތަކާއި ދިވެހިބަހުން އަޑުއަޅާފައި ހުންނަ ކާޓޫނު އުފެއްދުމަކީވެސް ހަމަ އެހާމެ ބޭނުންތެރިކަމެކެވެ. އޭރުން ދިވެހިބަހާއި ޒަމާނަށް އަންނަ ބަދަލާ ދެމެދު އޮންނަ ފަރަޤު ކުޑަވެ، ދިވެހިބަސް ކިޔަވާހިތްވާ މާއްދާއަކަށް ވެގެންދާނެއެވެ.

މީގެ އިތުރުންވެސް، މުޖުތަމައުގައި ދިވެހިބަސް ނިކަމެތިކޮށްފައިވާ މިންވަރަކީވެސް ދަރިވަރުން މިބަސް ކިޔަވަން ފޫހުކުރުވާނެފަދަ ސަބަބެކެވެ. ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުގައި، ބޭންކާއި އެނޫންވެސް ތަންތަނުގައި ގިނަ ލިޔެކިޔުންތަކެއް އިނގިރޭސިބަހުން ބޭނުންކުރެވެމުންދާކަމީ މިކަމުގެ އަލިގަދަހެއްކެވެ. މިސާލަކަށް ބޭންކަށް ގޮސް “ކޭޝް ކާޑު” ހައްދަން ބޭނުންވާ މީހާއަށް އިނގިރޭސި ބަސް އެނގުނަސް ނޭނގުނަސް ފޯމު ފުރަންޖެހެނީ އިނގިރޭސި ބަހުންނެވެ. އިތުރު މިސާލަކަށް ބަލާލާނަމަ ސަރުކާގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިދޭ ލިޔުންވެސް އޮންނަނީ “ލެޓިން” ން ލިޔެފައެވެ. މިއީ މުޖުތަމައުގައި ދިވެހިބަހަށް އޮތް ލޯބި ކުޑަމިންވަރު ހާމަވާ ކަންކަމެވެ. ނަތީޖާއަކަށްވަނީ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ދިވެހި ބަސް ކިޔެވުމުގެ ބޭނުން އޮޅޭގޮތްވެ، ހަޤީޤީ ބޭނުން ނޭނގުމެވެ. އަދި އެންމެ ފަހުން މާދަރީބަސް ކިޔަވަން ފޫހިވުމެވެ. މިކަމުން އަރައިގަތުމަށްޓަކައި ސަރުކާރާއި އާންމުން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ދިވެހިބަސް ބޭނުންކުރެވޭނެ ކޮންމެ ޙާލަތެއްގައި ދިވެހިބަސް ބޭނުންކުރުން ލާޒިމުކުރުމުން އެކަމުގެ ބޭނުމެއް އޮވެ ބަހަށް ލޯބި އުފެދޭނެއެވެ. ދިވެހި ބަސް ކިޔަވަން ފޫހިވާ ދަރިވަރުން މަދުން ނޫނީ ނުފެންނާނެއެވެ.

ދިރާސާގެ އަލީގައި ދަރިވަރުންގެ ނަޒަރުގައި މިކަންކަމުގެ ޙައްލުތައް

މިކަމުގެ ޙައްލުތައް ހޯދުމަށްޓަކައި ދަރިވަރުނަނާއި ކުރި ސުވާލުތަކުން އެކުދިންވެސް ދިވެހިބަސް ކިޔަވަން ބޭނުންވާކަން ފާހަގަ ކުރެވުނެވެ. އެގޮތުން ފޮތުގައިވާ ފިލާވަޅުތަކުގެ އިތުރުން އަދަބީ އެކިއެކި ހަރަކާތްތައް ހިންގުމާއި ބަހުގެ އާއުފެއްދުންތައް ގެނައުމާއި ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާދިނުން މުހިންމު ކަމުގައި ފާހަގަ  ކޮށްފައިވެއެވެ. މީގެ އިތުރުންވެސް ބަހާއި ބޭހޭ މަޢުލޫމާތު ލިބޭނޭ މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި ދަރިވަރުންގެ ޖަމުޢިއްޔާތައް އުފައްދާ އެޖަމުޢިއްޔާތަކުން ޙަރަކާތްތައް ހިންގުމުގެ ބާރުދިނުން މުހިންމު ކަމުގައި ފާހަގަ ކޮށްފައިވެއެވެ. ދިވެހި ބަސްކިޔަވަން ދަރިވަރުން ޝައުގުއުފެއްދުމަށްޓަކައި ދަރިވަރުންގެ މި ޝުޢޫރުތަކަށް އެކަށީގެންވާ އިޖާބައެއް ދޭންޖެހެއެވެ.

ދިރާސާގެ ނިމުން

ދިވެހިބަހަކީ ދިވެހިން ފަޚުރުވެރިވުން ހައްޤު ބަހެކެވެ. މިބަސް އުނގެނި އެއަށް ޚިދުމަތް ކޮށްދިނުމަކީ ކޮންމެ ދިވެއްސެއްވެސް ކުރުން ލާޒިމުކަމެކެވެ. އަދި ދިވެހިބަސް ކިޔަވަން ދަރިވަރުން ފޫހިވާ ސަބަބުތައް ހޯދަންޖެއެވެ. މިގޮތުން ބަލާއިރު ހުނަރުވެރިން އިތުރުކޮށް، ފެންވަރު ރަނގަޅު މުދައްރިސުން ކިޔަވައިދިނުމުގެ މައިދާނުގައި ފައިތިލަ ސާބިތުކުރަންޖެހެއެވެ. ބަހަށް ގިނަ ޚިދުމަތްތަކެއްކޮށް އުފެއްދުންތެރިކަން އިތުރުކުރަންޖެހެއެވެ. ޒަމާނާއި އެއްގޮތަކަށް ބަސްވެސް ތަރައްޤީ ކުރަންޖެހެއެވެ. ދިވެހިބަހާއިމެދު ހޭލުންތެރިކަން އިތުރުކުރަންޖެހެއެވެ. މިކަންކަން ކުރުމަށް ސަރުކާރުން އެހީތެރިވާންޖެހެއެވެ.އަދި ދަރިވަރުން އެދޭފަދަ މާޙައުލެއް ލީބޭނޭގޮތް ހެދުމަކީ މުހިންމު ކަމެކެވެ. އޭރުން ދިވެހިބަހަކީވެސް ކިޔަވާހިތްވާ ޝައުގުވެރި މާއްދާއަކަށް ވެދާނެވެ.

ނިންމުން

އަދުގެ މުޖުތަމަޢުގެ ޙާލަތަށް ނަޒަރު ހިންގާލާއިރު ފެންނަމުން މިދަނީ ދިވެހިބަހާއިމެދު ފަރުވާކުޑަކުރެވޭތަނެވެ. ޚާއްޞަ ގޮތެއްގައި ދިވެހިބަސް ކިޔަވާ ދަރިވަރުން މިކަމުގައި ފޫހިވުމަކި ޤައުމީ މައްސަލައެކެވެ. މިދިރާސާ މަޒުމޫނުން ވެސް ވަރަށް ގިނަ މައްސަލަތަކާއި އޭގެ ޙައްލުތައް ހޯދާނޭގޮތް އެނގިއްޖެއެވެ. ކުރަންވި ކަންތަކާއި ނުކުރަންވީ ކަންތައްތައް ހާމަވެއްޖެއެވެ. ހޯދަންވީ އެއްޗެއްސާއި އިސްލާޙުކުރަންވީ ކަންތައްތައްވެސް ހާމަވެއްޖެއެވެ.

އެހެންކަމުން ދެންކުރަންޖެހޭނެ ކަމަކީ މި ލިބުނު މަޢުލޫމާތުގެ އަލީގައި މިކަންކަން ކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކުން އެކަންކަން ކުރުމެވެ. ފަރުދުންގެ ފެންވަރުގައާއި އާއިލާގެ ފެންވަރުގައެވެ. ޖަމާޢަތުގެ ފެންވަރުންނެވެ. އަދި ޚާއްސަކޮށް ސަރުކާރަށް މިކަމުގައި ކޮށްދެވޭނެ ކަންތައްތައް ކޮށްދިނުމަކީ މިކަމަށް ލިބޭނެ ވަރަށް ފަޞޭޙަ ހައްލެކެވެ. ވީމާ، މިހާރުން މިހާރަށް މިކަމުގެ ހައްލުހޯދުމަށް ފަށައިގަތުމަށް ޢިލްތިމާސް ކުރަމެވެ. އަޅުގަނޑުގެ މަޒުމޫނުން ދިވެހި މުޖުތަމައަށް ޚާއްސަކޮށް ދިވެހިބަސް ކިޔަވާ ދަރިވަރުންނަށް މަންފާ ކުރާނެކަމުގައި އުންމީދުކުރަމެވެ. އަދި މި މަޢުޟޫއަކީ މިއަށްވުރެ ފުޅާދާއިރާއެއްގައި މުދައްރިސުންނާއި ކަމާބެހޭ އެހެނިހެން ބޭފުޅުންގެ ބަހެއް މިކަމުގައި ހޯދިއްޖެނަމަ މިއަށް އިތުރު ފުރިހަމަކަމެއް ގެނެސް ދިރާސާ ކުރެވިދާނެ މަޢުޟޫއެކެވެ. މި މަޢުޟޫއަކީ މިއަށްވުރެ ފުރިހަމަ ދިރާސާއަކަށް ދިވެހި ޤައުމު ބޭނުންވާ ފުރިހަމަ ދިރާސާއެއް ކުރަން ރަނގަޅު މަޢުޟޫއެކެވެ.

އަޅުގަނޑުމެންގެ މި ދިވެހިބަހަށް އިތުރުފުރިހަމަކަމާއި ފާގަތިކަން މާތް ﷲ މިންވަރުކުރައްވާ ދިވެހިބަހަކީ ކިޔަވާކުދިން ކިޔަވާހިއްވާ މާއްދާއެއްކަމުގައި ލައްވާށިއެވެ. އާމީން.

(ނިމުނީ)

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses