ފުއްޕާމެޔަށް ކެންސަރު ޖެހި ހާލުގައި ޖެހިފައިވާ ޢަބްދުލް މަޖީދުއަށް އެހީވެދެއްވާ!

ފުއްޕާމެޔަށް ކެންސަރު ޖެހި ހާލުގައި ޖެހިފައިވާ ޢަބްދުލް މަޖީދުއަށް އެހީވެދެއްވާ!

މި ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްކަމުން އެކި އިންސާނުން އިމްތިޙާނު ކުރެވެމުންދަނީ އެކި ގޮތްގޮތުންނެވެ. އެގޮތުން މުދަލަކީވެސް އިންސާނުން އިމްތިޙާނު ކުރެއްވުމަށް ﷲ ސުބްހާނަހޫ ވަޠަޢާލާ ދެއްވާ އެއްޗެކެވެ. މުދަލުން ޒަކާތް ދިނުން ރުކުނެއްކަމުގައި ލެއްވިއެވެ. އަދި މުދަލުން ޞަދަޤާތް ދިނުން މާތް އަޅުކަމެއްކަމުގައި ލެއްވިއެވެ. މުދަލަކީ އިންސާނާއަށް ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ހިޔާނާތްތެރިވެ ، އަދި މުދަލުން ހޭދަނުކޮށް އުޅުނު މީހުންނަށް ނަރަކާގެ ޢަޛާބު ހުރިކަން ވެސް ވަނީ އަންގަވާފައެވެ. އެހެންކަމުން މުދަލުގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެ މުދަލުން ހޭދަކުރުމަށް އަވަސްވެ ގަންނާށެވެ.

ފައިސާގެ ބޭނުން ޖެހިފައިވާ އެތަށް ބަޔެއް މި ރާއްޖޭގައި އުޅެމުންދެއެވެ. އޭގެތެރެއިން  ތ.ތިމަރަފުށީ ދިލްވާރުގެ އުމުރުން 60 އަހަރުގެ ޢަބްދުލް މަޖީދް މާހިރު އަކީ ފުއްޕާމޭގެ ކެންސަރު ޖެހި 4 ވަނަ ސްޓޭޖަށް ގޮސްފައިވާ މީހެކެވެ. ފައިސާގެ ދަތިކަމާހުރެ ، ފަރުވާ ކުރުން މެދު ކެނޑިފައިވާ ފަރާތެކެވެ.

ޢަބްދުލް މަޖީދުގެ ހަ ކުދިންގެ ތެރެއިން އޭނާ ބަލަމުންދާ ދަރިފުޅު ނަޝްވާ މަޢުލޫމާތުދިން ގޮތުގައި ރަށުގައި އުޅެނިކޮށް އެއްދުވަހު ބައްޕަ އަނބުރައިގަނެގެން ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާކޮށް ދޫކޮށްލިތާ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އެހެންވުމުން ޑޮކްޓަރަށް ދެއްކުމުން ލަފާދިނީ ވޭމަންޑޫއަށް ގޮސް ޑޮކްޓަރަށް ދެއްކުމަށްކަމަށާއި ވޭމަންޑޫއަށް ދެއްކުމުން ޑޮކްޓަރުން ބުނީ މޭކައިރީގައި އެތިކޮޅެއް ދުޅަވެފައިވާކަމަށާއި އަވަހަށް މާލެ ދިޔުމަށްކަމަށެވެ. މާލެ ގޮސް އޭޑީކޭއަށް ދެއްކުމުން ޓެސްޓްތައް ހެދުމަށްފަހު ، ޑޮކްޓަރުން ބުނީ ބައްޕައަށް ކެންސަރު ޖެހިފާކަމަށާއި އަވަހަށް ފަރުވާކުރުމަށާއި ނަމަވެސް މާލީ ގޮތުން ތަނަވަސްކަން ކުޑަވުމުން ފަރުވާ ނުކޮށް ރަށަށް އައީ ކަމަށް ނަޝްވާ ބުންޏެވެ.

ނަޝްވާ ދިރިއުޅެމުންދާ ލ.ފުނަދޫއަށް އައިސް ގޭގެޔަށް ގޮސް ސަލާމް ޖަހައިގެން ފައިސާކޮޅެއް ލިބުނުކަމަށާއި އެ ފައިސާކޮޅު ހިފައިގެން އަނެއްކާވެސް މާލެ ގޮސް ފަރުވާކުރަން ފެށިކަމަށާއި މިހާރު ކީމޯތެރަޕީގެ އެއް ޑޯޒް ދީފައިވާކަމަށާއި ނަމަވެސް ތަނަވަސްކަން ނެތުމުން މިހާރު ފަރުވާ މެދުކެނޑިފައިވާ ކަމަށާއި އާސަންދާއިން ކުޑަ ޕަސެންޓެއް ކަވަރުވީކަމަށް ވިޔަސް ގިނަ ބޭސް އާސަންދައިން ނުލިބޭކަމަށް ވެސް ނަޝްވާ މަޢުލޫމާތުދެއެވެ.

21587102_487175858310865_3128056600015920143_o

ޢަބްދުލް މަޖީދު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި| ފޮޓޯ: ފޭސްބުކް

ނަޝްވާ ބުނިގޮތުގައި ބައްޕައަށް ފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދާން ބޭނުން ކަމަށާއި ނަމަވެސް ރާއްޖެއިން ކީމޯ ދެވޭތީ އާސަންދާ ނުލިބޭކަމަށާއި މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ކީމޯތެރަޕީއަށް ނަން ނޯޓު ކޮށްފައިވާ ކަމަށާއި އަދި އެކަމުގައި ހަބަރެއް ނުވާކަމަށެވެ. 6 މަސްދުވަހު މެދު ނުކެނޑި ކީމޯ ދޭން ޖެހޭކަމަށާއި 6 މަސް ދުވަހު މާލޭގައި ހުރުމަކީ އެތަށް ޚަރަދެއް ދާ ކަމެއް ކަމުން އެކަމަށް ކުޅަދާނަކަން ލިބިގެން ނުވާކަމަށް ނަޝްވާ ބުންޏެވެ.

7 ކުދިންގެ މަންމަ ނަޝްވާގެ އެދުމަކީ ބައްޕަގެ ބައްޔަށް ފަރުވާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ބައްޕަގެ ހާލުފެނި ހިތްދަތިވިޔަސް އޭނާކުރާނެ އިތުރުކަމެއް ނެތެވެ. ތި އަޚުންނާއި އުޚުތުންގެ ދީލަތި އެހީއަކަށް އެދި އާދޭސް ކުރުން ފިޔަވާ ނަޝްވާ ކުރާނެ އިތުރު ކަމެއް ނެތެވެ. ނަޝްވާ ބުނިގޮތުގައި ބައްޕަގެ ބައްޔަށް ލިބޭ އެހީން ފަރުވާ ނިމި އިތުރަށް ހުރެއްޖެ ނަމަ ، އެ ފައިސާ ހަދިޔާކުރާނީ ހާލުގައި ޖެހިފައިވާ އެހެން ފަރާތަކަށް ކަމަށެވެ.

ނަޝްވާގެ ބައްޕަގެ ބައްޔާއި އަދި އިތުރު މަޢުލޫމާތު ހޯދުމަށް ނަޝްވާގެ ނަންބަރު 9968215 އާ ގުޅުއްވުން އެދެމެވެ. އަދި އެހީތެރިކަން ދެއްވަން ބޭނުންވާ ފަރާތްތަކުން ނަޝްވާގެ ދޮށީ ދަރިފުޅު ޢަލީ ފަރްހާންގެ ބީއެމްއެލް އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ. ޢަލީ ފަރްހާންގެ ބީއެމްއެލް އެކައުންޓްގެ ނަންބަރަކީ 7730000133664 އެވެ.

ކެންސަރުގެ 4 ވަނަ ސްޓޭޖްގައި އޮތް ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށް ނަޝްވާ މަޢުލޫމާތުދިނެވެ. ތެދެކެވެ. މަރުބަލި ފިޔަވާ ހުރިހާ ބައްޔަކަށް ﷲ ސުބްހާނަހޫ ވަޠަޢާލާ ޝިފާ ބާއްވާލައްވައިފައިވެއެވެ. އިންސާނުންގެ މަސައްކަތަކަށް ވާނީ ޝިފާދެއްވުމަށް ދުޢާ ކުރުމާއެކު ފަރުވާ ކުރުމެވެ. ޝިފާ ދެއްވާ ފަރާތަކީ ﷲ ސުބްހާނަހޫ ވަޠަޢާލާއެވެ. ދުޢާ އަކީ ޢަބްދުލް މަޖީދުގެ ބައްޔަށް ޝިފާ ދެއްވާ ފުރިހަމަ ޞިއްޙަތެއް ދެއްވުމެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. މުއުމިންނަކީ އަޚުންތަކެއްކަމުގައި ކީރިތި ޤްރްއާނުގައި ﷲ ސުބްހާނަހޫ ވަޠަޢާލާ އަންގަވާފައިވެއެވެ. އަދި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ބޭނުން ފުއްދައިދިނުމަކީ ގިނަ ގުނަ ޡަވާބު ލިބޭ ކަމެއްކަމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ.

މިކަމަށް ޤްރްއާނާއި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެތަށް ދަލީލެއްވެއެވެ. އޭގެތެރެއިން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ. ” އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ. ” ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”

 

 

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses