ޝައިޚް އިލްޔާސް ރ.އަތޮޅުގެ ބައެއް ރަށްރަށުގައި ދީނީ ނަޞޭޙަތް ދެއްވައިފި

ޢައްޝައިޚް އިލްޔާސް ޙުސައިން
ރާއްޖޭގެ މަޝްހޫރު އެއް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ރ.އަތޮޅު ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނަށް ދީނީ ނަޞޭޙަތް ދެއްވައިފިއެވެ.
އައްޝައިޚް އިލްޔާސް ޙުސައިން މިދޔަ ބުރާސްފަތި ދުވަހު މެންދުރުފަހު ކިނޮޅަހަށް ވަޑައިގަތުމަށް ފަހު އެދުވަހު ފައިނަށް ވަޑައިގެން އެރަށު މިސްކިތުގައި ދަރުސެއް ދެއްވިއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ކިނޮޅަހު ސްކޫލުގެ އިސްލާމް ކްލަބް އިސްލާމީ ހިޔާގެ ފަރާތުން ބެލެނިވެރިންނަށާއި އާއްމުންނަށް ބޭއްވި ދީނީ ދަރުސްގައި އައްޝައިޚް އިލްޔާސް ޙުސައިން ތަޤްރީރް ކުރައްވާ ، ހަމަ އިސްލާމީ ހިޔާގެ ފަރާތުން ހުކުރު ދުވަހު ހެނދުނު ގްރޭޑް 5 އިން މަތީގެ އަންހެން ދަރިވަރުންނަށާއި ކިނޮޅަހު އަންހެން ކަނބަލުންނަށް ބޭއްވި ދަރުސްގަޔާއި ހުކުރު ދުވަހު މެންދުރުފަހު ކިނޮޅަހު ސްކޫލުގެ ދަރިވަރުނަށް ބޭއްވި ދަރުސްގައި އައްޝައިޚް އިލްޔާސް ޙުސައިން ތަޤްރީރް ކުރެއްވިއެވެ.
ހުކުރު ދުވަހު ޢަޞްރު ނަމާދަށް ފަހު އިނގުރައިދޫ މިސްކިތުގައި އެރަށު ރައްޔިތުންނަށް ޝައިޚް ނަޞޭޙަތް ދެއްވުމަށް ފަހު ކިނޮޅަހަށް އެނބުރި ވަޑައިގެން ހުކުރު ދުވަހުގެ ރޭ ކިނޮޅަހު ޒުވާނުންނާއި ބައްދަލުކުރައްވާ ޒުވާނުންނަށް ނަޞޭހަތް ދެއްވިއެވެ.
ހޮނިހިރު ދުވަހު ހެނދުނު މަޑުއްވަރީއަށް ވަޑައިގެން ސްކޫލު ދަރިވަރުންނަށް ނަޞޭހަތް ދެއްވުމަށްފަހު ، މެންދުރުފަހު ސްކޫލުގެ ބެލެނިވެރިންނަށާއި ޢަޞްރު ނަމާދަށްފަހު ރައްޔިތުންނަށް ދަރުސް ދެއްވިއެވެ. ޝައިޚް އިލްޔާސް އެންމެ ފަހުން ދަރުސް ދެއްވީ ރޭގައި މީދޫ ރައްޔިތުންނަށެވެ.
ރ.އަތޮޅު ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކިނޮޅަހު ދީނީ ދަވުވާ ގްރޫޕުން އިސްނަގައިގެން ، ރަށްރަށުގެ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކާއި ސްކޫލުތައް ގުޅިގެން ބޭއްވި މި ދަރުސްތަކަށް އެރަށްރަށުގެ ރައްޔިތުންގެ ތާއީދު ލިބިގެން ދިޔަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ ގިނަ ރައްޔިތުންގެ މަޤްބޫލުކަން ހޯދާފައިވާ އައްޝައިޚް އިލްޔާސް ޙުސައިން ގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ސަރުކާރުން އަތުލުމުން އެތައް ދުވަހު ދީނީ ދަރުސް ދިނުން މެދުކެނޑިގެންދިޔައެވެ. ސަރުކާރުން އަލުން ޝައިޚް އިލްޔާސް އަށް ހުއްދަ ދިނީ މިދިޔަ ރަމަޟާން މަހުގައެވެ. ހުއްދަ ލިބުމަށްފަހު ޝައިޚްގެ ފުރަތަމަ މަންޒިލަކަށް ވީ ރ.އަތޮޅެވެ.
އައްޝައިޚް އިލްޔާސް ޙުސައިން ރ.އަތޮޅުގެ ބައެއް ރަށްރަށަށް ދީނީ ނަޞޭހަތް ދެއްވުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ، މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެ ވަޑައިގެންފައެވެ. ޝައިޚް ގެ މިދަތުރުފުޅުގައި އައްޝައިޚް ޢަބްދުލް ހާދީ ޙުސައިން އާއި އައްޝައިޚް އަޙްމަދު އައްފާނު ޝާފީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެންމެ ފަސް
- ކެންސަރު ޖެހި ހާލުގައި ޖެހިފައިވާ ޢަބްދުލް މަޖީދުއަށް އެހީވެދެއްވާ!
- ހިނގާބިނގާވެ އުޅުމުގެ އުއްމީދުގައި އަހްޒަމް … އެންމެންގެ އެހީތެރިކަން އިންތިހާޔަށް ބޭނުން
- ފުއްޕާމެޔަށް ކެންސަރު ޖެހި ހާލުގައި ޖެހިފައިވާ ޢަބްދުލް މަޖީދުއަށް އެހީވެދެއްވާ!
- ފުޓްސަލް ޗެލެންޖް 2017 ގައި ބައިވެރިވާ އަލިފުށި ފުޓްސަލް ޓީމްގެ ޖާޒީ ހަވާލު ކޮށްފި
- ޤްރްއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ބުރާސްފަތި ދުވަހާ ހަމަޔަށް
0 ޚިޔާލު