އަލިފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފި

އަލިފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފި

ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން އަލިފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓު ހުށަހަޅައިފިއެވެ.

ރޭ އަލިފުށީ ކައުންސިލުން ބޭއްވި މި ބައްދަލުވުމުގައި ކައުންސިލްގެ ނާއިބު ރައީސް އިބްރާހީމް ޝަރީފް އަދި ކައުންސިލް މެމްބަރު އާމިނަތު އަލީ ބައިވެރިވަޑައިގެންނެވިއެވެ. ރޭ އަލިފުށީ ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 20 މީހުން ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ނާއިބު ރައީސް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ބަޖެޓު ހެދުމަށް ސަރުކާރުން މިންގަނޑެއް ކަނޑައަޅުއްވާފައިވާކަމަށާއި އެގޮތުން މިބަޖެޓަކީ 5.1 މިލިއަން ރުފިޔާ އަށްވުރެ މަތިނުވާ ބަޖެޓެއްކަމަށާއި ނަމަވެސް ބަޖެޓު ހަދައި ފޮނުވުމުން މަޖިލީހުން ބަޖެޓަށް ގެންނަވަންޖެހޭ ބަދަލު ގެނައުމަށްފަހު އެ ބަޖެޓު ކައުންސިލަށް ލިބިގެންދާކަމަށެވެ.

2017 ވަނަ އަހަރަށް އަލިފުށީ ކައުންސިލުން ލަފާކުރާ ބަޖެޓުގެ ޖުމްލަ އަދަދަކީ 5,099,912ރ އެވެ. މިގޮތުން ރިކަރަންޓް ޚަރަދުގެ ގޮތުގައި 4,927,712ރ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 172,200ރ ކަނޑައެޅިފައިވާކަމަށް ނާއިބު ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލަށް ލިބޭ އާމްދަނީ ޖަމާކުރާ އެކައުންޓުގައި (ރެވެނިއު1) 317,035.50ރ ، ބިމުކުލީގެ ގޮތުގައި މަހަކު 18,089.68ރ އާއި އިމާރާތު ކުލީގެ ގޮތުގައި މަހަކު 18,200ރ ކައުންސިލަށް ލިބެމުންދާކަމަށް ނާއިބު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މާލިއްޔަތުގައި ހުރި 8 ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި ރަށްކުރިއަރުވާ ކޮމެޓީ ގެ އެކައުންޓުގައި ހުރި 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ފްރީޒްކޮށް އެ ފައިސާ ބޭނުންނުކުރެވި ހުންނަކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ހާއްސަކުރެވިގެން ދިޔައީ ބަޖެޓުގެ އިތުރުން އަންނަ އަހަރުގެ މަސައްކަތު ތާވަލު ހުށަޙެޅުންކަމަށް ބައްދަލުވުން ފައްޓަވަމުން ނާއިބު ރައީސް ވިދާޅުވި ނަމަވެސް މި ބައްދަލުވުން ނިމުނުއިރުވެސް އަންނަ އަހަރަށް ކައުންސިލުން ތައްޔާރުކޮށްފައިވާ މަސައްކަތު ތާވަލާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

ނަމަވެސް މިހާރު ރަށުގައި ކުރަމުންދާ ބައެއް ބޮޑެތި މަސައްކަތަށް އަލިއަޅުވާލައި ނާއިބު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ނަރުދަމާ ނިޒާމްގެ މަސައްކަތް އަދި އައިސް ޕްލާންޓް މަސައްކަތް ގޮސްފައިވާ ހިސާބު ރައްޔިތުންނަށް އޮޅުންފިލުވައިދީ ޤުރުއާނާ ބެހޭ މަރުކަޒު ހުއްޓިފައިވާ ސަބަބު ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވެއެވެ.

ރޭގެ މި ބައްދަލުވުން 45 މިނިޓެއްހާއިރަށް ދިގުދެމިގެން ގޮސްފައިވެއެވެ. މިގޮތުން ބައްދަލުވުން ނިންމާލާފައިވަނީ ރައްޔިތުންގެ ތެރެއިން ސުވާލުކުރައްވަން ބޭނުންފުޅު ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްފަހުއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses