އިޒްރޭލުން ފަލަސްތީނަށް ދޭންޖެހޭ ޓެކްސް ފައިސާ އެއްކޮށްދިނުމަށް އެއްބަސްވެއްޖެ

އިޒްރޭލުން ފަލަސްތީނަށް ދޭންޖެހޭ ޓެކްސް ފައިސާ އެއްކޮށްދިނުމަށް އެއްބަސްވެއްޖެ

އިޒްރޭލުން ފަލަސްޠީނަށް ދޭންޖެހޭ ޓެކްސް ފައިސާ އެއްކޮށް ފަލަސްޠީނަށް ދިނުމަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށް ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.

މަހްމޫދު އައްބާސް ވިދާޅުވީ ދެޤައުމުން މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން އިޒްރޭލުން ހިފަހައްޓާފައިވާ ފަލަސްޠީން ރައްޔިތުންގެ ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިކަމާ ގުޅޭ އެއްބަސްވުމަކަށް އައިކަން އިޒްރޭލުންވެސް އިއްޔެ ކަށަވަރު ކޮށްދީފައިވާއިރު ފަލަސްޠީނަށް ދޭންޖެހޭ ހަތަރު ސަތޭކަ ފަންސާސް ނުވަ މިލިއަން ޑޮލަރު މާދަމާގެ ވަގުތެއްގައ އަނބުރާ ދިނުމަށް އިޒްރޭލުން ނިންމާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިޒްރޭލުން ފަލަސްޠީނުގެ ޓެކްސް ފައިސާ ހިފެހެއްޓީ ފަލަސްޠީނުން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގައި އިޒްރޭލާ ދެކޮޅަށް ދަޢުވާކުރުމަށް ނިންމުމާ ގުޅިގެން އެކަމުގެ އަދަބެއްގެ ގޮތުންނެވެ.

މިދިޔަ މަހު އިޒްރޭލުގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެފައިސާ ފަލަސްޠީނަށް ދޭނެކަމަށް ވިދާޅުވެފައެވެ. އިޒްރޭލުގެ މިނިންމުމާ ގުޅިގެން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ އދގެ މަންދޫބު މަރުޙަބާ ކިޔާފައިވާއިރު އެއީ ރަނގަޅު ފާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޓެކްސް ފައިސާ ދިނުމަށް މިމަހުގެ ކުރީކޮޅު އިޒްރޭލުން އެއްބަސްވިއިރު އޭރު އިޒްރޭލުން ނިންމީ ފަލަސްޠީން ރައްޔިތުންގެ ސިއްޙީ ޚިދުމަތާއި ފެނާއި ކަރަންޓަށް ހިނގާ ޚަރަދު ކެނޑުމަށްފަހު ބާކީ ފައިސާ ދެއްކުމަށެވެ. ނަމަވެސް މިނިންމުމަށް ފަލަސްޠީނުން ދެކޮޅު ހަދާ އެޤައުމުން ބުނީ ޓެކްސް ފައިސާ އެއްކޮށް ލިބެންޖެހޭނެ ކަމަށެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ވެފައިވާ އިޤްތިޞާދީ އެއްބަސްވުމެއްގެ ދަށުން އިޒްރޭލުގެ ބަނދަރުތައް ހުރަސްކޮށް ފަލަސްޠީނުގެ މާރކެޓްތަކަށް ގެންދާ މުދަލުގެ ކަސްޓަމްސް ޑިއުޓީއާއި އެނޫން ޑިއުޓީގެ ގޮތުގައި އިޒްރޭލުން ފަލަސްޠީނަށް ކޮންމެ މަހަކު ވަކި ޢަދަދެއްގެ ފައިސާ ދައްކަންޖެހެއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses