އަންހެނުންގެ ދުވަސް

އަންހެނުންގެ ދުވަސް

ކޮންމެ އަހަރެއްގެ މާރޗް މަހުގެ އަށްވަނަ ދުވަހަކީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށާއި އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ އަންހެނުންގެ ދުވަހެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، މުޖުތަމަޢުގައި އަންހެނުންގެ ދައުރާއި އަންހެނުންނާ ގުޅިފައިވާ ކަންބޮޑުވުންތަކަކީ ކޮބައިކަން ބަލާލުން މުހިންމެވެ. އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ، އެކިއެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ އަދި ކުރަމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމާއި، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މުޖުތަމައުގައި އެމީހުންނަށް ހައްޤުވާ މަޤާމް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރުމެވެ. މީގެއިތުރުން އަންހެނުންނަށް ކުރެވޭ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކޮށް އަންހެނުންގެ ޙައްޤުތައް އޭގެ ފުރިހަމަ މާނައިގައި ލިއްބައިދިނުމަށް މަސައްކަތް ކުރުމަކީވެސް މިދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދެވެ.

މިފަހަކަށް އައިސް މުޖުތަމަޢުގައި އަންހެނުންނާ ގުޅިގެން އެންމެ ގިނައިން ދައްކަމުން އަންނަ އެއް ވާހަކައަކީ އަންހެނުން ބާރުވެރި ކުރުވުމާއި ދިރިއުޅުމުގެ ކަންތައްތަކުގައި ދެޖިންސުގެ ހަމަހަމަކަމުގެ މުހިންމުކަމުގެ ވާހަކައެވެ. ޝައްކެއްވެސް ނެތް ގޮތުގައި އަންހެނުންނަކީ މުޖުތަމަޢުގައި ވަރަށް މުހިންމު އަދި އެހާމެ ޒިންމާދާރު ވާޖިބެއް އަދާކުރަމުން އަންނަ ބައެކެވެ. އަންނަން އޮތް ޖީލުތަކުގައި ޤައުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރުމަށް ތިބި މިއަދުގެ ކުޑަކުދިން ތަރުބިއްޔަތުކޮށް މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި ބައްޓަން ކުރުމުގެ ޒިންމާ އުފުލަނީ އަންހެނުން ކަމާމެދު ޝައްކެއް ނެތެވެ. ހަމައެހެންމެ ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނެއް ހުންނައިރު ދިރިއުޅުން ބާއްޖަވެރި ކުރުމުގައިވެސް އަންހެނުންގެ މުހިންމު ދައުރު ހާމަވެގެންދެއެވެ. މީގެއިތުރުންވެސް ދިރިއުޅުމުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ޚިއްސާ ބޮޑުކަން ފާހަގަކުރަންޖެހެއެވެ. ޤައުމުގެ ތަރައްޤީގައި ޚިއްސާވާ އެންމެ މުހިންމު އެއް ބަޔަކީ އަންހެނުން ކަމަށްވާއިރު އިޤްތިޞާދީ ދާއިރާއާއި އިޖުތިމާޢީ ދާއިރާގެ އިތުރުން ސިޔާސީ މައިދާނުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އެމީހުން ބާރުވެރި ކުރުވުމަށް މިހާރު ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

މުޖުތަމަޢުގެ ތެރޭގައި އަންހެނުންނާ ގުޅޭ އެކި ކަންކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއްވެސް އެބަހުއްޓެވެ. އޭގެތެރޭގައި ގެވެށި އަނިޔާގެ މައްސަލަތަކާއި، އަންހެނުންނަށް ކުރާ ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތައް ފާހަގަކުރަންޖެހެއެވެ. މިފަދަ މައްސަލަތަކަކީ އެންމެ ކުރީއްސުރެވެސް މުޖުތަމަޢުގައި ހުރި މައްސަލަތައް ކަމަށްވާއިރު، މިއަދާ ހަމައަށް އައި އިރުވެސް މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ފަހަކަށް އައިސް މިފަދަ ކަންކަމަށް ޢާންމުން ވަނީ ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިވެފައެވެ. އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

ރާއްޖޭގައިވެސް މިއަދު އަންހެނުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު އެންމެ ބޮޑު އިސްކަމެއް ދޭންވީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެކި ސިފަ ސިފައިގައި އަންހެނުންނަށް ދެވޭ އަނިޔާތައް ހުއްޓުވުމަށެވެ. ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ދެޖިންސުގެ ހަމަހަމަކަން ކަށަވަރުކޮށްދީފައި އޮތް ނަމަވެސް ނަތީޖާގެ ހަމަހަމަކަމެއް ނެތް ކަމަށް އދން ހާމަކޮށްފައިވާއިރު، އެޖަމާޢަތުން އެކަން ހާމަކުރީ ތަފާސް ހިސާބުތަކުން ފެންނަ ފަރަގުތަކާއި މުޖުތަމަޢުން ފެންނަ ތަފާތުކުރުންތަކަށް ރިޢާޔަތްކޮށެވެ. ވީއިރު ޤާނޫނުގައި ވާފަދައިން ޢަމަލުންވެސް އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކެންޖެހެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ދުވަސް ފާހަގަކުރާތާ ސަތޭކައަށްވުރެ ގިނަ އަހަރު ވެފައިވާއިރު، ތާރީޚުން ހެކިދޭ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ފުރަތަމަ އަންހެނުންގެ ދުވަހެއް ފާހަގަކޮށްފައިވަނީ އޮނަވިހި ސަތޭކަ އެގާރަވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses