އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (2)

އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ދެނެގަތުމަށްޓަކައި.. (2)

ތަރުޖަމާ: އިބްރާޙިމް މާހިރު މޫސާ

ޑރ.ޔޫސުފް އަލްޤަރަޟާވީ

 

ތަކްލީފުތައް ޝަރްޢީ ހަމަތަކުން ތަރުތީބު ކުރުން

އިސްލާމްދީނުގައި ކުރުމަށް ކަނޑައަޅުއްވާފައިވާ އަޅުކަންތަކާއި އެނޫންވެސް ތަކްލީފުތައް ފަހްމުކުރަންޖެހޭނީ ދީނުގައި އެކަންކަން ކަނޑައަޅުއްވާފައިވާ ތަރުތީބުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރޭގައެވެ. އެއިން ކޮންމެ ކަމަކަށްވެސް ނައްޞުކަތުގެ އަލީގައި ދީނުގައި ކަނޑައަޅުއްވާފައިވާ މަޤާމު ދޭންވާނެއެވެ. އިސްލާމްދީނުގައި ކުރުމަށް އަމުރުކުރައްވާފައިވާ ހުރިހާ ކަމަކީ އެއް ދަރަޖައެއްގައި ކަނޑައަޅުއްވާފައިވާ ކަންކަމެއް ނޫނެވެ. އައްތައުބާ ސޫރަތުގެ 19 ވަނަ އާޔަތުގައި ވެއެވެ. “أَجَعَلْتُمْسِقَايَةَالْحَاجِّوَعِمَارَةَالْمَسْجِدِالْحَرَامِكَمَنْآَمَنَبِاللَّهِوَالْيَوْمِالْآَخِرِوَجَاهَدَفِيسَبِيلِاللَّهِلَايَسْتَوُونَعِنْدَاللَّهِ” މާނައަކީ: “ޙައްޖުވެރިންނަށް ބޯފެންދީ، ޙުރުމަތްތެރިވެގެންވާ މިސްކިތް ފަޅުފިލުވައި ބަލަހައްޓައި އުޅޭމީހަކާއި، ﷲ އާއި އާޚިރަތްދުވަހަށް އީމާންވެ، ﷲގެ މަގުގައި ޖިހާދުކޮށް އުޅޭ މީހަކާ ދެމީހުން އެއްފަދަކަމަށް ތިޔަބައިމީހުން ހަދަނީހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި އެދެބައިމީހުން ހަމަހަމައެއް ނުވާނެތެވެ” ދީނުގައި ހުރިހާކަމެއް ހުރީ އެއް ދަރަޖައެއްގައި ނޫންކަން މިއާޔަތުން ވެސް އެނގެއެވެ. އިސްކުރަންޖެހޭ ކަންކަމާއި، ފަސްކުރަންޖެހޭ ކަންކަން ދީނުގައި ހުރެއެވެ. ބޮޑެތި ކަންކަމާއި ކުދިކަންކަން ދީނުގައި ހުރެއެވެ.

ދީނީ ގޮތުން އަބަދުވެސް އެންމެ އިސްކަން ދޭންޖެހޭނީ ޢަމަލަށްވުރެ ކުރިން ޢަޤީދާއަށެވެ. ފަރްޢީ ކަންކަމަށްވުރެ ކުރިން އުޞޫލުތަކަށެވެ. ސުއްނަތް ކަންކަމަށްވުރެ ކުރިން ފަރްޟުކަންކަމަށެވެ. ފަރްޟު ކަންކަމުގެ ތެރެއިން ވެސް ދީނުގެ ރުކުންތަކުގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަން އެނޫން ފަރްޟުތަކަށްވުރެ އިސްކުރަންވާނެއެވެ. އަދި ކިފާޔަތުގެ ފަރްޟުގެ ކުރިއަށް ޢައިނިއްޔަ ފަރްޟު އިސްކުރަންވާނެއެވެ.

ފާފަތަކަށް ބަލާއިރު އެހެން ހުރިހާ ފާފައަކަށްވުރެ ޝިރްކުގެ ނުބައިކަން ބޮޑުކަން ދަންނަން ވާނެއެވެ. ކުދި ފާފަތަކަށްވުރެ ބޮޑެތިފާފަތަކުގެ ނުބައިކަން ބޮޑެވެ. ޙަރާމް ކަމެއްކަމާމެދު ޢިލްމުވެރިން އެއްބަސްވެލައްވާ ކަންކަންމާއި ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް ކަންކަމަށް އެއްދަރަޖައެއް ދީގެން ނުވާނެއެވެ.

ދީނީ ގޮތުން ބަލާއިރު، ވަކިކަމެއް ކުރެވޭ މިންވަރަށްވުރެ ބޮޑަށް އިސްކަން ދޭންޖެހޭނީ އެކަމެއް ކުރާ ގޮތަށެވެ. ސިފަޔަށްވުރެ ބޮޑަށް އިސްކަންދޭންޖެހޭނީ ޖައުހަރަށެވެ. ބޭރުފުށަށްވުރެ އެތެރެފުށަށެވެ. ގުނަވަންތަކުގެ ޢަމަލޭ ކިޔޭ ކަންކަމަށްވުރެ ހިތުގެ ޢަމަލޭ ކިޔޭ ކަންކަމަށެވެ.

ދީނީ ނައްޞުތަކުގައި ޤަޠުޢީ ނައްޞުތަކާއި ޡައްނީ ނައްޞުތައް ހުރިއިރު އިސްކަން ދޭންޖެހޭނީ ޤަޠުޢީ ނައްޞުތަކަށެވެ. އަދި އިޖްތިހާދުކޮށްގެން ސާބިތުވާ ކަންކަމަށްވުރެ، ސީދާ ނައްޞަކުން ސާބިތުވާ ކަންކަމަށް އިސްކަން ދޭންވާނެއެވެ. އިޚްތިލާފީ ކަންކަމަށްވުރެ އިސްކަން ދޭންވާނީ އިއްތިފާޤުވާ ކަންކަމަށެވެ. މިކަންކަން ދެނެގަތުމުގެ ފިޤްހަށްفقهالأولويات(އިސްކަންދިނުމުގެ ފިޤްހު ނުވަތަ އިސްކުރަންޖެހޭ ކަންކަމުގެ ފިޤްހު) އޭ ކިޔައެވެ.

ރިވެތި އަޚްލާޤަށް ދޭ ސަމާލުކަން ބޮޑުކުރުން

އިސްލާމްދީނުގައި ވަނީ މުސްލިމުން އުޅެންވާ އަޚްލާޤީ ރީތި ސިފަތަކެއް ކަނޑައަޅުއްވާފައެވެ. އަދި އެކަންކަމަކީ އީމާންކަމުގެ ބައިތަކެއް ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ. އޭގެ އިތުރުން ﷲ ފަރްޟުކުރައްވާފައިވާ އަޅުކަންތައް އަދާކުރުމުގެ މޭވާތަކުގެ ތެރެއިން މޭވާއެއް ކަމުގައި އަޚްލާޤީ ރިވެތި ސިފަތައް ލައްވާފައި ވެއެވެ. ނަބަވީ ބަސްފުޅެއްގައި ވެއެވެ. “إنمابعثتلأتمممكارمالأخلاق” މާނައަކީ:”ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އަޚްލާޤީ ރިވެތި ސިފަތައް ފުރިހަމަކުރެއްވުމަށެވެ”.

ރިވެތި އަޚްލާޤުން ދުރުހެލިވުމަކީ މުނާފިޤު ކަމުގެ ސިފައެއްކަމަށް ދީނުގައި ކަނޑައަޅުއްވާފައި ވެއެވެ. މީގެތެރޭގައި ފަރްދީ އަޚްލާޤޭ ކިޔާ ސިފަތަކާއި، ޖަމާޢީ އަޚްލާޤޭ ކިޔާ ސިފަތަކުގައި ތަފާތެއް ނެތެވެ. އެގޮތުން ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ވަޢުދު ފުއްދުމާއި، ޢަހްދަށް ވަފާތެރިވުމާއި، ދެބަސްވުންތަކުގައި ވެސް އިންސާފުވެރިވުމާއި، ހިތްތިރިކަމާއި، ލަދުވެތިކަމާއި، ދީލަތިކަމާއި، ހިތްވަރުގަދަކަމާއި، ޢިއްފަތްތެރިކަމަކީ ރިވެތި ޚުލްޤުތަކެކެވެ. މީގެ އިތުރުން ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ތިމާގަ މީހުންނާއި އަވަށްޓެރިންނާމެދު ގާތް ރަނގަޅު ގުޅުން ބޭއްވުމާއި، ނިކަމެތިންނަށް އޯގާތެރިވުމާއި، ހެޔޮކަންކަމަށް އެއްބާރުލުން ދިނުމާއި، ޖަމާޢަތާ ވަކިނުވުމާއި، ގާތް ތިމާގަމީހުންނާއި މިސްކީނުންނާއި ދަތުރުވެރިންގެ ޙައްޤު އަދާކުރުމާއި، މުދާ އިސްރާފު ނުކުރުމާއި، ބަޚީލު ނުވުމަކީވެސް އިސްލާމްދީން އެކަންމަށް ބާރުއަޅާ ރިވެތި އަޚްލާޤީ ސިފަތަކެވެ.

ބައެއް މީހުންގެ ނަޒަރުގައި ދީންވެރިވުމަށްޓަކައި، ދީނީ އަޅުކަންތަކުގެ ގޮތުގައި ކުރުމަށް އަންގަވާފައިވާ އަޅުކަންތައް އަދާކުރުމުން ހުރިހާކަމެއް ފުދުނީއެވެ. އެމީހެއްގެ އަޚްލާޤާ ދީންވެރިވުމަ ގުޅުމެއް ނެތްކަމަށް އެފަދަ މީހުން ދެކެއެވެ. އަނެއް ބައެއްގެ ނަޒަރުގައި ދީނަކީ ހަމައެކަނި ރިވެތި އަޚްލާޤެވެ. ﷲ ކަނޑައަޅުއްވާފައިވާ ފަރްޟުތައް އަދާނުކުރިއަސް ފަރުޖެހޭނެކަމަށް އެމީހުން ދެކެއެވެ. ނަމަވެސް އިސްލާމްދީނުގައި މި ދެވިސްނުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ދީންވެރި ވުމަށްޓަކައި، ދީނީ އަޅުކަންތައް އަދާކުރުމުގެ އިތުރުން ދީނުގައި ކަނޑައަޅުއްވާފައިވާ ރިވެތި އަޚްލާޤީ ސިފަތަކުން ސިފަލިބިގަންނަން ވެސް ޖެހެއެވެ.

އާ ކަންކަމުގައި،ކަމުގެ އަހުލުވެރިން އިޖްތިހާދުކުރުމާއި އާގޮތްތައް ހޯދުން

އިސްލާމްދީން އާވެއާވެ އޮންނަންޖެހޭނީ އެދީނުގެ އެތެރެއިންނެވެ. (އެދީނުގެ ކަންކަން ކަނޑައަޅައި ގޮތް ނިންމަންޖެހޭނީ މުސްލިމުން ނޫން ބަޔަކު ނޫނެވެ) އިސްލާމީ ޝަރީޢަތުގެ މަބްދައެއް ކަމުގައިވާ އިޖްތިހާދު ކުރުމަކީ ވަކި ޒަމާނަކާ ހިސާބުން ނިމުމަކަށް އަންނަންޖެހޭ ކަމެއް ނޫނެވެ. އިޖްތިހާދާ ނުލައި އިސްލާމީ ޝަރީޢަތަށް ދިރުމެއް ނެތެވެ.

އިޖްތިހާދުގެ ތެރޭގައި އަލަށް އުފަންވާ ކަންކަމުގައި އިޖްތިހާދުކުރުމާއި، ތަފާތު މައްސަލަތަކުގައި ކުރީގެ ޢިލްމުވެރިން ކޮށްފައިވާ އިޖްތިހާދުގެ ތެރެއިން ޒަމާނަށާއި ތަނާއި ޙާލަތަށް އެންމެ ރަނގަޅު ރައުޔަކީ ކޮބައިތޯ ބެލުމަށް އިތުރަށް ކުރަންޖެހޭ އިޖްތިހާދު ހިމެނެއެވެ. ޖުމްލަގޮތެއްގައި ކަން އޮންނަންވީ ގޮތް ހޯދުމަށް ކުރާ އިޖްތިހާދާއި، ތަފްޞީލީ ކަންކަމުގައި ކުރާ އިޖްތިހާދު ހިމެނެއެވެ. އަދި ޖަމާޢިގޮތެއްގައި ކުރަންޖެހޭ އިޖްތިހާދާއި ފަރްދީ ގޮތުން ކުރަންޖެހޭ އިޖްތިހާދު ހިމެނެއެވެ.

އިޖްތިހާދު ކުރުމަކީ އެކަމުގެ އަހުލުވެރިން ކުރަންޖެހޭ ކަމެކެވެ. މުޖްތަހިދުންގެ ކިބާގައި ކޮންމެހެން ހުންނަންޖެހޭ ޝަރްޠުތައް ހުރިމީހުން ކުރަންޖެހޭ ކަމެކެވެ. އަދި އިޖްތިހާދު ކުރަންޖެހޭނީ އިޖްތިހާދު ކުރަންޖެހޭ ކަންކަމުގައެވެ. އިޖްތިހާދު ކުރަންޖެހެނީ ދީނުގައި ޤަޠުޢީ ކަންކަމުގެ ގޮތުގައި ކަނޑައެޅިފައި ނުވާކަންކަމުގައެވެ. ޢަޤީދާގެ ގޮތުން ނުވަތަ ފިކްރީގޮތުން ނުވަތަ ޢިލްމީގޮތުން ވިއަސް މުޅި އުއްމަތް އެކަތިގަނޑަކަށް ހަދާކަންކަމުގައި އިޖްތިހާދުކުރުމެއް ނެތެވެ. މިބާވަތުގެ ޤަޠުޢީ ކަންކަމަކީ ވަރަށް މަދު ކަންކަމެވެ. ނަމަވެސް އެއީ ދީނީގޮތުން ބަލާއިރު ވަރަށް މުހިއްމު ކަންކަމެވެ. އެއީ އެކަންކަމަށް ލޮޅުމެއް އަރުވައިގެން ނުވާނެ ސާބިތު ބައިތަކެކެވެ.

އިޖްތިހާދު ކުރުމާމެދު ބައެއް މީހުންގެ ނަޒަރު ހުރީ އެދޮރު މިހާރު ބަންދުވެއްޖެކަމަށް ދެކޭގޮތަށެވެ. އެފަދަ މީހުންގެ ނަޒަރުގައި ކުރީގެ ޢިލްމުވެރިންގެ ބަސް އެއީ ހަމައެކަނި ޞައްޙަ ގޮތްކަމަށް ދެކި އެގޮތަށް ޢަމަލުކުރުމަކީ ވާޖިބުކަމެކެވެ. އިތުރަށް އިޖްތިހާދު ކުރުމެއް ނެތެވެ. އަނެއް ބަޔަކު ގޮވާލާގޮތުން، އެއްވެސް ހަމައެއްލަމައެއް ނެތި، ހަމަ ކޮންމެ މީހަކު ވެސް ކޮންމެ ކަމަކު ވެސް އިޖްތިހާދު ކުރަންވީއެވެ. ނަމަވެސް އިސްލާމްދީނުގެ ތަޢުލީމު އަންގައިދެނީ މިދެ ނަޒަރަކީވެސް ރަނގަޅު ނަޒަރެއް ނޫންކަމުގައެވެ.

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses