އަނިޔާ……………

އަނިޔާ……………

ރަމީޒު ބިން ޙަސަން / މަތިހާ އއ.މަތިވެރި

ޝިފާ އަކީ ވަރަށް އެކަނިވެރި އަންހެނެކެވެ. އާއިލާގައި ޝިފާއަށް އެހީތެރިވާނެ މީހަކު ނެތެވެ. އުމުރުން ނަވާރަ އަހަރުގައި ފެށި ދިރި އުޅުން ފަސް ކުދިން ލިބުނު ފަހުން ޝިފާއަށް ވޭނަކަށްވީ ފިރިމީހާގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުންނެވެ. ފިރިމީހާ(ޝަރީފު) ދެކެ ޝިފާ ވަރަށް ލޯބިވިއެވެ. ނަމަވެސް ޝަރީފު އެހެން އަންހެނަކާ ގުޅުން ބާއްވަމުންދާ ކަން އެންގުމުން ޝިފާ އަށް ކެތެއް ނުކުރެވުނެވެ.

ރީތިގޮތުގައި ޝަރީފުއާއި ވާހަކަ ދައްކައިގެން ޝިފާ އެމައްސަލަ ހައްލުކުރަން އުޅުނެވެ. ނަމަވެސް އެވާހަކަ ދައްކަން ފެށުމުން ޝަރީފުގާތަށް އަންނަނީ ރުޅިއެވެ. ޝިފާ އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ޝަރީފު ޝިފާގެ ބޮލުގެ އިސްތަށިގަނޑަށް ދަމާ، އިލޮށިފަތިން ބުރަކަށީގައި ތަޅާ ތަފާތު ކުދި އަނިޔާތަށްވެސް ކުރަންފެށިއެވެ. އަދި އެންމެ ފަހުން ޝަރީފު ޝިފާ ވަރިކުރިއެވެ.

ދިރިއުޅުން އަބަދު އެއްގޮތަކަށް ދެމިއެއް ނޯވެއެވެ. ކޮންމެ ދުވަހަކީ އާ ކަންތައްތައް ތަޖުރިބާ ކުރެވޭނޭ ދުވަހެކެވެ. ފުރަތަމަ ކައިވެނި ރޫޅުމުން ޝިފާ ގަސްދުކުރީ ދެވަނަ ކައިވެންޏެއް ނުކުރުމަށެވެ. ނަމަވެސް އެގޮތުގައި އޭނާއަށް ދެމިހުރެވުނީ ހަމަސްދުވަސް ވަންދެނެވެ. އެކަނިމާ އެކަނި ބުރަ މަސައްކަތް ކޮށްގެން ފަސްކުދިން ބަލަން ޖެހުމުންޝިފާއަށް މަޖުބޫރުވީ ދެވަނަ ކައިވެންޏެއް ކުރުމާއިމެދު ވިސްނާށެވެ.

ރަމީޒަކީ ރަށުގެ ފަޅު ކޮނުމުގެ މަސައްކަތް ހިގަމުންދާގޮތް ބެލުމަށް އައިސްހުރި މީހެކެވެ. ރަށުގެ ފަޅުކޮނުމުގެ ހުރިހާ މަސައްކަތެއް ހިނގަމުން ދަނީ ރަމީޒުގެ ބެލުމުގެ ދަށުންނެވެ.

ރަމީޒު ހުންނަނީ ރަށުގެ ކުޑަކަތީބުގެ ގޭގައެވެ. ޝިފާ އެގެއަށް ދަނީ އެގޭގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށެވެ. އެގޭގައި ކުރަންޖެހޭ މަސައްކަތްތައް ކޮށްގެން ދުވާލަކަށް ރަނގަޅު އާމްދަނީއެއް ޝިފާއަށް ލިބެއެވެ. އެގޭގެ މަސައްކަތުގެ އިތުރުން ޝިފާ އިތުރަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ފަންގި ވިނުމާއި ރޯނުވެށުމެވެ.

ޝިފާ އުޅެމުންދާ ބުރަކަމާއި، ދަރިންގެ ދަރިންގެ ހައްގުގައި އޭނާ ވަމުންދާ ޤުރްބާނީ ރަމީޒުއަށް ފާހަގަ ކުރެވުނެވެ. ރަމީޒުގެ ހިތުގައި ޝިފާއަށްޓަކައި އުފެދެމުންދިޔަ ހަމްދަރުދީ ދުވަހެއް ދުވަހަކަށް ދިޔައި އިތުރު ވަމުންނެވެ.

ކަތީބުގެ އަންހެނުން ސަލްމާއާއި ވާހަކަ ދައްކައިގެން ރަމީޒު ޝިފާގެ އެކަނިވެރި ދިރިއުޅުމުގެ މައުލޫމާތު ހޯދިއެވެ. އެއަށްފަހު އޭނާދެން މަސައްކަތް ކުރަމުން ދިޔައީ ޝިފާ އާއި ވާހަކަ ދައްކާލެވޭނެ ރަނގަޅު ފުރުސަތެއް ހޯދުމަށެވެ. ޝިފާއަށް ކަންތައް ދިމާވެފައިވާ ގޮތުން އެކަމަކީ އެހާ ފަސޭހަކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ޝިފާ އިނީ އަތިރިމަތީގައި ރޯނު ވަށާށެވެ. އޭނާގެ މޫނު މަތިން ފެންނަމުން ދަނީ ނާއުއްމީދުގއ ކުލަވަރެވެ. އަތިރިމަތީގައި ދުރުދުރުންވެސް ޝިފާ ފިޔަވައި އެހެން މީހަކު ފެންނާކަށް ނެތެވެ. ވަރަށް ފަރިތަކަމާ އެކު ޝިފާ ރޯނުވަށަމުންދިޔައެވެ.

އިރުކޮޅެއްފަހިން ރަމީޒު އެތަނަށް އައީ ނަޒީހުއާއި އެކުގައެވެ. ނަޒީހަކީ ރަމީޒުގެ ރަށްޓެއްސެކެވެ. ވަކި ހިސާބަކަށް އައިސްފައި ރަމީޒު ނަޒީހު ދުރަށް ފޮނުވާލިއެވެ، ތަންކޮޅެއް ދުރުގައި އިރުކޮޅެއް ވަންދެން ޝިފާ ގެ ހަރަކާތްތަށް ބަލަހައްޓައިގެން ރަމީޒު ހުއްޓެވެ. ދެން އޭނާ ލަސް ފިޔަވަޅު ތަކެއް އަޅަމުން ޝިފާ އާއި ދިމާއަށް ހިނގަންފެށިއެވެ. ޝިފާ އާއި ދާދި ގާތުގައި މަޑުކޮއްލަމުން ރަމީޒުޝިފާ އަށް ގޮވާލިއެވެ.

ޝިފާ މަސައްކަތް ހުއްޓާލާފައި އިސް އުފުލައި ބަލާލިއެވެ. ރަމީޒު ފެނުމުން ޝިފާ ޙައިރާން ވިއެވެ. “ރަމީޒު! ކީއްކުރަން މިތަނަށް ތިއައީ؟… މީހަކަށް ފެނިދާނެ… އަވަހަށް މިތަނުންދޭ!” ޝިފާ ބުންޏެވެ.

ރަމީޒު މަޑުމަޑުން ހިނިތުން ވެލިއެވެ.

“މީހަކަށް ފެނިއްޖެއްޔާ ވާނީ ކީއް؟… މީހުން ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ މައްސަލައެއް ނެތް އަހަރެން ބޭނުން ޝިފާ އާއި ވާހަކަ ދައްކަން”.

“ކޮން ވާހަކައެއް؟… އަހަރެން ގާތު ރަމީޒު ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ… އަދި ބުނަންތަ؟ އަހަންނަކީ ފެންނަ ކޮންމެ މީހަކާ ވާހަކަ ދައްކާ އުޅޭމީހެއް ނޫން” ވާހަކަ ދައްކަމުން ޝިފާ ކޮޅައް ތެދުވިއެވެ.

“އަހަންނަކީ ފެންނަ ކޮންމެ މިހެއްކަމުގައި ނުދެކޭ… މިހާރުން ފެށިގެން އަހަންނަކީ ގާތްރައްޓެއްސެއް ކަމުގައި ހީކުރޭ! އަހަންނާ ބެހޭ ހުރިހާ މައުލޫމާތެއްވެސް ޝިފާއަށް ދީފާނަން…..

އަހަރެންގެ ފުރިހަމަ ނަމަކީ އަހުމަދު ރަމީޒު. އަހަރެންގެ އުމުރަކީ ތިރީސްފަސް އަހަރު..އަހަންނަކީ މާލޭގައި ގެދޮރު ހުރި މާލޭ މީހެއް، އަހަރެންގެ ދެދަރިން އެބަތިބި، އެއީ ދެ ފިރިހެން ކުދިން، ދޮށީ ދަރިފުޅަށް ކިޔަނި ރަޒުނީން ހަގު ދަރިފުޅަށް ކިޔަނީ ރަޒުމާން އަހަރެންގެ އަންބެއް މިހާރު ނުހުރޭ، އަންހެނުން ވަރިކުރި ފަހުން ދެ އަހަރު މިވަނީ..” ރަމީޒުޝިފާއަށް އޭނާއާއި ބެހޭ މައުލޫމާތު ކިޔައިދިނެވެ.

އެވާހަކަތައް އަޑުއަހަން ހުރެފައި، ރަމީޒަށް އެއްވެސް ޖަވާބެއް ނުދީ ޝިފާ ހިނގައިގަތެވެ. ރަމީޒު ދެތިން ފަހަރަކު ޝިފާ އަށް ގޮވާލިއެވެ. ނަމަވެސް ޝިފާ ނުހުއްޓުނެވެ. އޭނާ ފަސް އެނބުރި ރަމީޒާއި ދިމާލަށް ބަލައިވެސް ނުލައެވެ. އެދިޔަ ގޮތައްގޮސް ޝިފާ ވަނީ ގެއަށެވެ.

ގޯތިތެރޭގައި ހައްދާފައި ހުރި ބޮޑު ހިރުނދު ގަހުގައި އެލުވާފައި ހުރި އުނދޯލީގައި ޝިފާ އިށީނެވެ.ޝިފާ ވިސްނަމުން ދިޔައީ ރަމީޒުއާއި ދޭތެރޭގައެވެ. ރަމީޒު ދެއްކި ވާހަކަ އާއި ދޭތެރޭގައެވެ. ބަލާބެލުމަށް ރަމީޒުއަކީ ރަނގަޅު މީހެކެވެ.ވާހަކަ ދައްކަނީ ވެސް ވަރަށް ހިތްހެޔޮކަމާއި އެކުގައެވެ. ޝިފާއަށް ބަލާފައި ރަމީޒު އަކީ ރީތި މީހެކެވެ. މާލޭގައި ގެދޮރު ހުރި މުއްސަންޖެކެވެ. ރަމީޒު ހަޔާތައް ދެވިއްޖެ ނަމަ އެއީ ޝިފާއަށް ލިބޭނެ ވަރަށް ބޮޑު ނަސީބެކެވެ.

ތަފާތު ގޮތްގޮތަށްރަމީޒުއާއި ދޭތެރޭ ވިސްނެމުން ދިޔަވަރަކަށް ޝިފާ އަށް ރަމީޒުއާއި ދޭތެރޭ ޝައުގުވެރިކަން އުފެދެން ފެށިއެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތައް ބޭކާރުކޮށް ނުލައި ހަޔާތުގެ ބައިވެރިއެއްގެ އެހީތެރިކަން ޝިފާ ވެސް ބޭނުންވާނެއެވެ. ފިރިއެއްގެ އެހީތެރިކަމާ ނުލައި ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދިރިއުޅުން ކުރިއަށް ގެންދިއުމަކީ އަންހެނަކަށް އެކަނި ކުރެވޭ ވަރަށްވުރެ އުނދަގޫ ބުރަ މަސައްކަތެކެވެ.

ޝިފާ ވިސްނަން އިންދާ އުނދޯލީގައި އައިސް އިށީނީ ޝިފާ ގެ ދޮށީ ދަރިފުޅު ހުސްނާއެވެ. ” މަންމާ ކޮންކަމާކާ ތިވިސްނަނީ؟ “ހުސްނާ އެހިއެވެ. ޝިފާ ހުސްނާގެ މޫނަށްބަލައިލި އެވެ. ވިސްނާ ކަންތަކުގެ ވާހަކަ ހުސްނާ ގާތުބުނަން ޝިފާ ބޭނުންވި އެވެ. ނަމަވެސް އެހިތްވަރެއް ޝިފާ އަކަށް ނުލިބުނެވެ.

“ކޮބާ ކޮއްކޮމެން؟ އަލީ ސުކޫލަށް ހިގައްޖެތަ؟” ޝިފާ ދައްކަން ފެށީ އެހެން ވާހަކަ އެކެވެ.

“އާނ! އަލީ ކޮއްކޮ ސްކޫލަށް ހިނގައްޖެ… އައިޝާމެން އެބަތިބި ގޭގަ… މަންމަ މިއަދު ކަތީބު ގެއަކަށް ނުދަންތަ؟” ހުސްނާ ބުންޏެވެ.

“ނޫނޭ! މަންމަ އެގެއަށް ގޮސް ބައެއް މަސައްކަތްތައް ކޮށް ނިންމާފައި އަތިރިމަތީގައި ރޯނުވަށަން އިނދެފަ މިއައީ…. ދަރިފުޅު މިހާރު ސައި ބޮއިފިންތަ؟” ޝިފާ ބުންޏެވެ.

“އާނ! އަހަރެން ސައިބޮއިފިން… މަންމާ! އަހަރެން މިދަނީ ޒަހީމެންގެއަށް.. އެންމެ ރަނގަޅުތަ؟..” ހުސްނާ އުނދޯލިންތެދުވި އެވެ.

އާނ! އެންމެ ރަނގަޅު ދޭ! ގޮސް އަވަހަށް އަންނާތި!” ޝިފާ އެހެން ބުނެފައި އުނދޯލިން ތެދުވެގެން ގެއާއި ދިމާލައް ހިނގައިގަތެވެ..

އަނެއްދުވަހުގެ ރޭގަނޑުގެ ވަގުތު ރަމީޒު ޝިފާ ގެ ގެއަށް އަތުވެއްޖެއެވެ. އޭރު ޝިފާ ގެ ހުރިހާ ކުދިން ގޭގައި ތިއްބެވެ. ރަމީޒު ވަރަށް ހިތްހެޔޮކަމާއެކު ޝިފާ ގެ ހުރިހާ ކުދިންވެސް ވާހަކަ ދެއްކިއެވެ. ރަމީޒު އެގެއިން ނުކުމެގެން ދަމުން ޝިފާ އަތަށް ސިޓީއެއް ދިނެވެ.

ރަމީޒު ދިއުމާއެކު ޝިފާ އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ސިޓީއުރަ ކަނޑާލިއެވެ. އެގްޒަމިނޭޝަންޕޭޑްގެ ގަނޑެއްގައި ލިޔެފައިވާ އެސިޓީ ފަށައިގެން ނިމެންދެން ޝިފާ ކިއެވެ. ސިޓީގައި ރަމީޒު ލިޔެފައިވާ ކޮންމެ ޖުމްލަ އަކުން ޝިފާ އަށް ވިސްނުނީ އަފްރާހުރަމީޒު އޭނާއަށް ހެޔޮއެދޭ މިންވަރެވެ. ސިޓީ ނިންމާލަމުން ރަމީޒު އެދިފައި ވަނީ ޝިފާގެ ކައިވެންޏަށެވެ.

ރަމީޒުއާއި ކައިވެނި ކުރަން ޝިފާ ނިންމީ ވަރަށް ވިސްނުމަށް ފަހުގައެވެ. ޝިފާގެ އެންމެ ބޮޑުއެއް މަގުސަދަކީ ދަރިންނަށް އުފާވެރި މުސްތަގްބަލެއް ހޯދައި ދިނުމަށް އެދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމެވެ. ޝިފާގެ ދަރިންނަށް އަޅާލާ އެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް އެދަރިންނަށް ރަނގަޅު ތައުލީމް އުނގަންނައި ދިނުމުގެ މަގު ފަހިކޮށްދޭނެ ކަމަށް އަފްރާހު ޝިފާ ގާތު ވަޢުދުވިއެވެ.

ރަމީޒުއާއި ޝިފާ ގެ ކައިވެންޏަށް ދެމަސްވީ ފަހުން ރަމީޒު ނިންމީ ޝިފާ ގޮވައިގެން މާލެ ދިއުމަށެވެ. ރަމީޒުގެ އެނިންމުމަށް ޝިފާ އެއްބަސް ވިއެވެ.

ޝިފާގެ ފަސް ދަރިންނާއި އަދި ޝިފާގޮވައިގެން ރަމީޒު މާލެ އައިސް ގެއަށް ވަނުމާ އެކު ރަމީޒުގެ ދެދަރިން އެމީހުންނަށް މަރުހަބާކިއެވެ. ޝިފާގެ ހަޔާތުން ދުވަސްތައް ފާއިތު ވަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމާ އެކުއެވެ. ރަމީޒު ޝިފާއަށް ވަރަށް ރަނގަޅުވެ. ވަރަށް ހެޔޮއެވެ. ޝިފާގެ ދަރިންނާ ދެތެރޭވެސް ރަމީޒު ކަންތައް ކުރަނީ ވަރަށް ރަނގަޅަށެވެ. އަމިއްލަ ދަރިން ކަމަށް ދެކިގެންނެވެ. އެހެން ކަމުން އެކުދިންވެސް ތިބެނީ ވަރަށް އުފާވެފައެވެ.

ދުވަސްތައް މާޒީވަމުން ގޮސް އެއް އަހަރު ފަހެވެ. ރަމީޒުގެ ކުރީގެ އަންހެނުން (ޝިފުނާ) ދަރިންނާ ބައްދަލު ކުރުމުގެ ނަމުގައި ގިނަގިނައިން ގެއަށް އަންނަން ފަށައިފިއެވެ. ޝިފުނާ ގެއަށް އަންނަ ކޮންމެ ފަހަރަކު ޝިފާއާ ދިމާއަށް ޖެއްސުމުގެ ކޮންމެވެސް ބަހެއް ބުނެލައެވެ. ފުރަތަމަ ކޮޅު ޝިފާ އެކަމަށް އެހާބޮޑަށް ސަމާލުކަމެއް ނުދެ އެވެ. ނަމަވެސް ފަހުން ފަހުން ރަމީޒުވެސް ޝިފުނާއާއި ވާހަކަ ދައްކާތީއާ އަދި ޝިފުނާގެ އެކިގޮތްގޮތުން ޝިފާއަށް އުނދަގޫ ކުރަމުން ދާތީ ޝިފުނާގެ ޝަކުވާ ރަމީޒު ގާތު ނުކޮށެއް ޝިފާއަކަށް ނުހުރެވުނެވެ.

“ޝިފުނާ މިގެއަށް އަންނާތީ ޝިފާ ކަންބޮޑު ވަނީތަ؟… ހަސަދަވެރި ވަނީތަ؟… ޝިފުނާ އަކީ އަހަރެންގެ ދެކުދިންގެ މަންމައޭ… ޝިފުނާ ގާތު މިގެއަށް ނާންނާށޭ އަހަންނެއް ނުބުނާނަން… ދެން ޝިފާ ތިބުނަނީ ޝިފުނާ ޖެއްސުން ކުރާ ވާހަކަ… އުނދަގޫ ކުރާ ވާހަކަ… އަހަރެން ތިވާހަކަ ޤަބޫލެއް ނުކުރާނަން…” ރަމީޒު ވަރަށް ރުޅި އައިސްފަ ބުންޏެވެ.

ޝިފާ ވަރަށް ދެރަވިއެވެ. ރަމީޒު ޝިފާގެ ހަޔާތުން ގެއްލެން އުޅޭ ކަމުގެ އިހުސާސްތައް ޝިފާއަށް ކުރެވެން ފެށިއެވެ. ފުރަތަމަ ކައިވެނި ރޫޅުމުން ޝިފާ ދެވަން ކައިވެންޏެއް ކުރީ ހަޔާތުގެ ބާކީ ދުވަސްތަކުގައި އުފަލާއި ލޯތްބާއި ހިތްހަމަޖެހުން އެކުލެވިގެންވާ ދިރިއުޅުމެށް އުޅުމަށެވެ.ނަމަވެސް ޝިފާ ބަލަބަލާ ހުއްޓާ ދެވަނަ ކައިވެނިވެސް ރޫޅުމުގެ ސިގްނަލްތައް ލިބެން ފަށައިފިއެވެ. ފުރަތަމަ ކައިވެނިންވެސް ޝިފާއަށް ތަހައްމަލް ކުރަން ޖެހުނީ ވޭނާއި ހިތާމައެވެ. ދެވަނަ ކައިވެނިވެސް ޝިފާއަށް މިހާރު ލިބެމުންދަނީ އުފަލާއި ލޯބީގެ ބަދަލުގައި ވޭނާއި ހިތާމައެވެ. އަދި އަނިޔާއެވެ.

ރަމީޒު ފަރާތުން ފެންނަ ކަންތައްތަކުގެ ސަބަބުން ކިތަންމެ ދެރަވިޔަސް ޝިފާ ކެތްތެރިވެއެވެ. ރަމީޒު ރުޅި އަތުވެދާނެތީ ޝިފާ ރަމީޒު އާއި ދެކޮޅަށް އެއްވެސް ބަހެއް ނުބުނެއެވެ. ރަމީޒު ކުރިން ޝިފާގާތު ބުނެފައިވަނީ ވަނީ އޭނާ ޝިފުނާ ވަރިކުރީ ދެމީހުންގެ ދެމެދުގައި އުފެދުނު ޙިޔާލު ތަފާތު ވުމެއެއްގެ ސަބަބުން ކަމަށެވެ. އަދި ޝިފުނާ އަކީ ގޮތްދޫނުކުރާ ފިރިމީހާއަށް އިޙްތިރާމް ނުކުރާ އަމިއްލަ ގޮތުގައި ހިފަހައްޓާ އަންހެނެއް ކަމަށެވެ. ނަމަވެސް ޝިފުނާ ދެކެ ވަރަށް ލޯބިވާކަމަށް ރަމީޒު ޝިފާ ގާތު ބުނެފައިވެއެވެ.

ރަމީޒު ދެވަނަ ފަހަރަށް ޝިފުނާއާ އަލުން ގުޅެން ބޭނުން ވެދާނެ ކަމަކަށް ޝިފާ ހިޔެއް ނުކުރެއެވެ. ނަމަވެސް ކަންތައްތައް ވަމުން ދިޔައީ ޝިފާ ހީވެސް ނުކުރާ އަދި އުއްމީދުވެސް ނުކުރާ ގޮތްގޮތަށެވެ.

ޝިފާ ވަރަށް އަވަދިނެތި ބަދިގޭގައި މަސައްކަތުގައި އުޅެނިކޮށް ރަމީޒު އައިސް އެދުނީ އަވަހަށް ކޮޓަރިއަށް އައިމަށެވެ. ޝިފާ މަސައްކަތް ހުއްޓާލާފައި ރަމީޒުގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. ރަމީޒު ކޮޓަރި ލައްޕާ ތަޅުލިއެވެ. ވާން މިއުޅެނީ ކީއްކަން ނޭނގޭތީ ޝިފާ ހުރީ ބިރުގަނެ ވަރަށް ހާސްވެފައެވެ. ރަމީޒު އިރުކޮޅެއް ވަންދެން ޝިފާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން އޭނާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލިއެވެ. ޝިފާ ގާތު ބުނަން އެއުޅޭ ވާހަކަ ބުނަން ރަމީޒު ކުޑަކޮށް އުނދަގޫ ވެގެން އުޅޭހެން ހީވެއެވެ. ޝިފާ ވަރަށް ކަންބޮޑުވެފައި ރަމީޒު މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.

“ޝިފާ!” އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރަމީޒު ޝިފާއަށް ގޮވިއެވެ. ޝިފާ މަޑު މަޑުން ބޯޖަހާލިއެވެ. ޝިފާގެ ހިތްވަނީ އަވަސްވެފައެވެ. ރަމީޒު ބުނަން އެއުޅެނީ ކީކޭ ހެއްޔެވެ؟….

“އަހަރެން ޝިފާ ވަރިކޮށްފިން…” ރަމީޒު އެހެން ބުނުމާއެކު ހީވީ އޭނާގެ ބޮލުގައި އެއްޗަކުން ވަރަށް ބާރަށް ޖެހި ހެންނެވެ. އޭނާ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ރަމީޒުގެ ދެފައިގައި ހިފައި އެތައް ޝަކުވާއެއް ކުރަމުން ޝިފާ ރޯންފެށިއެވެ. ނަމަވެސް ރަމީޒު ހުރީ ޝިފާގެ ޝަކުވާތަކާއި އާދޭސްތައް އަޑު އަހާކަހަލަ މޫޑެއްގައެއ ނޫނެވެ.

“އަހަރެންގެ ކޮންކުށެއް އޮވެގެން ރަމީޒު އަހަރެން ތި ވަރިކުރީ؟… ރޮމުން ރޮމުން ޝިފާ ސުވާލު ކުރިއެވެ. “

“ޝިފާގެ ކުށެއްނެތް……. އަހަރެން މިހާރު ބޭނުން ނުވަނީ ޝިފާއާ ކައިވެނި ކޮށްގެން އުޅެން…. އަހަރެން ޝިފުނާއާ ކައިވެނި ކުރަން ނިންމައިފިން…. ޝިފުނާ އަހަންނާ ކައިވެނި ކުރަން އެއްބަސްވީ ޝިފާ ވަރިކުރާނެ ކަމުގެ ޔަގީންކަން ދިނުމުން…. ޝިފުނާއަކީ ދެކުދިންގެ މަންމަ… ޝިފާއަށް ވުރެ ބޮޑަށް އަހަންނަށް ޝިފުނާ މުހިންމު….” ރަމީޒު މިހެން ބުނެފައި ކުޑަ އިރު ކޮޅަކުވެސް މާޑުކޮށްނުލާ އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ޝިފާގެ މެޔަށް އުނދަގޫތަކެއްވާން ފޭށީއެވެ. އޭނާގެ ނޭވާ ހާސްވެ، ބޮލުގެ ރިހުން ގަދަވާން ފެށިއެވެ. އިރުކޮޅުއް ފަހުން ހުސްނާ ކޮޓަރިއަށް ވަން އިރު މަންމަ އިނީ އެނދުގެ ބިއްދޮށަށް އަރާ ދެފައި ވައްކޮއްލައިގެން ނެވެ. ޝިފާގެ ބޮލުގެ އިސްތަށި ގަނޑު އޮތީ ހާވާލާ ފައެވެ. އޭނާގެ އަތުގެ އިނގިލިތައް ގުނަމުން މަޑު މަޑުން ކޮންމެވެސް އެއްޗެއްކިޔަމިން ދިޔައެވެ.

މަންމަ އިންގޮތް ފެނުމުން ހުސްނާގެ ދެ ލޯ ފެންކަޅި ވިއެވެ. އޭނަ އަވަހަށް ގޮސް މަންމަގެ ގައިގައި ހިފަހައްޓާލިއެވެ. އެއާ އެކު ޝިފާ ވަރަށް ބާރަށް ހެމުން މޮޔައަކުން ފަދައިން ހަމަނުޖެހޭ ވާހަކަތައް ދައްކަން ފެށިއެވެ. ހުސްނާއަށް ބާރަށް ރޮއެގަނެވުނެވެ. އެއަޑަށް ޝިފާގެ ދެންތިބި ކުދިން ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.

ހުސްނާ އަވަހަށް މަންމަ ގޮވައިގެން ޑޮކްޓަރަށްދައްކަން ދިޔައެވެ. ޑޮކްޓަރ ވަރަށް ރަނގަޅަށް ޝިފާ ބެލުމަށްފަހު ހުސްނާ ގާތު ބުނީ މަންމަ އެއިނީ ކޮންމެވެސް ހިތާމަވެރިޚަބަރެއްގެ ސަބަބުން ސިކުނޑިއަށް ޝޮކެއް ލިބި ބުއްދި ގޯސްވެފައި ކަމަށެވެ.

ހުސްނާ މަންމަ ގޮވައިގެން ހޮސްޕިޓަލުން ގެއަށް އައުމާއެކު ރަމީޒު އެދުނީ ހުސްނާ މަންމައާއި ކޮއްކޮމެން ގޮވައިގެން ރަށަށް ދިއުމަށެވެ. ކަންތައްވީ ގޮތް ހުސްނާ އަށްވެސް އެނގުނެވެ.އެހެންކަމުން އެންމެ ހިނދުކޮޅަކަށް ވެސް މަންމައަށް އަނިޔާދިން ރަމީޒުގެ ހިޔާވަހިކަމުގެ ދަށުގައި ހުންނާކަށް ހުސްނާ ބޭނުމެއްނުވިއެވެ.

ޖެހިގެން އައި ދުވަހު މަންމައާ ކޮއްކޮމެން ގޮވައިގެން ހުސްނާ ރަށަށްދާން ފުރައިފިއެވެ. ރަމީޒުގެ ސަބަބުން މަންމައަށް ލިބުނު އަނިޔާ ހުސްނާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.

= ނިމުނީ =

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. މައި ގުޑްނެސް

    emme fas ah einy myge 6 dhuvas kuri vaahka nuliyevenyyaa dhn ahrun kahala vaahka liyaa hiyy vaa kudhinnah furusath dhinyma vyny noony isthgiufaa dheyn fennany

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses