ނުދާށޭ އެކަނިވެރިކޮށްފާ (ނުވަވަނަ ބައި)

ނުދާށޭ އެކަނިވެރިކޮށްފާ (ނުވަވަނަ ބައި)

މަލަކާ ގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ތިކިތައް މުތީތަކެއް ފަދައިން ފައިބައިގެންދިޔައެވެ. އެހިނދު ސަނާހް އަށް އެ މައުސޫމް ކުއްޖާގެ ހިތުގައި ޖެހިއްޖެކަން އެނގުނެވެ. އަދި ކަރުނަތައް ފޮހެދިނުމަށްފަހު މަލަކާގެ އަތުގައި ހިފާ ބާރުކޮށްލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. “އަހަރެން ބޭނުމެއްނޫން މަލަކާ ރޮއްވާކަށް… ދެން އެވާހަކަ ނުދައްކަމާ ދޯ..ދެން ހީލާ..އަބަދު ތިހުންނަނީ ދެރަވެފައެއްނު..” ސަނާހް މިހެން ބުނުމުން މަލަކާ ގަދަކަމުން ހީލިއެވެ. “އަދި އެބައޮތޭ ސުވާލެއް ކޮށްލަން..” އެއްޗެއް ހަނދާންވެގެން މަލަކާ ބުންޏެވެ. “ކޮށްބަލަ އަވަހަށް..އަނެއްކާ މާ އުނދަގޫ ސުވާލެއް ނުކުރައްޗޭ އިނގޭ..” ސަނާހް ސަމާސާކޮށްލަމުން ބުންޏެވެ. “އަސްލު އަހަރެން މާމަ ކައިރީ އިންނަން ބޭނުންވާހަކަ ބުނީމަ މާމަ އެހާ ފަސޭހައިން އެއްބަސްވި.. މީގަ މަޖާ ކަމަކީ މާމަ ނާހާ ކާކާ ތޯ އިންނަން ބޭނުންވަނީ ކީވެސް..” މަލަކާ މިހެން ބުނުމުން ސަނާހް ގާތަށް ލާނެއް ހިންޏެއް އައެވެ. “އެހެންތަ؟..ތި ހާދަ ހެއްވާ ކަމެކޭދޯ.. ސަނާހް ނޭނގޭ ކަމަށް ހަދާލާފައި މިހެން ބުނުމުން މަލަކާ އަދިވެސް އިނީ ނޭނގުމެއްތެރޭގައެވެ. “ސާބަހޭ ދޫންޏާ.. ތިދެން އެވަރަށް ވިސްނަންވީ ކަމެއްދޯ.. އަސްލު އަހަރެން މާމަ ޔާ މާކުރިން ވާހަކަ ދައްކާފައޭ އޮންނާނީ..ކާފަ ކައިރީވެސް ބުނިން.. އެހެންވެ މާމަ ނޭހީ ކަމަށްވާނީ..” ސަނާހް މިހެންބުނުމުން މަލަކާ ގާތަށްވެސް ހިނިއައެވެ.

އެހަފްތާއަކީ މަލަކާ އަށް ވަރަށްވެސް ބުރަ ހަފްތާއެކެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ކަމުން ގޭތެރެ ސާފްކުރުމާއި އެކިކަންކަމަށް ތައްޔާރުވުމުގައި މުޅި ދުވަސް ފާއިތުވެގެން ދާގޮތް ނޭނގެއެވެ. މަލަކާގެ މިމަސައްކަތުގައި އެހީވުމަށްޓަކއި އައިކޮއްކޮ އާއި ސަނާހްވެސް ބައިވެރިވެއެވެ.

ދުވަހަކީ މަލަކާގެ ހަޔާތުގައި އައި ވަރަށްވެސް އުފާވެރިދުވަހަކެވެ. ގޭތެރޭގެ މާހައުލު ވަނީ މީހުންނާއި ގެން ފުރިފައެވެ. ކައްކާ މީހުންނާއި ގެ ޒީނަތްތެރި ކުރާމީހުންތައް ހޭލަމޭލަ އަށް އުޅެނީ ރޭގަނޑުގެ ހަފްލާ އަށް ތައްޔާރުކުރުމަށްޓަކައެވެ. ޕާޓީ އޮންނަނީ ރޭގަނޑު ކަމަށްވިޔަސް ކައިވެނި ކުރަން ހަމަޖެހިފައި އޮތީ މެންދުރު އެއްގަޑި ބައިގައެވެ. މަލަކާ ލައިގެން ހުރީ މަޑު ފިޔާތޮށިކުލައިގެ ހެދުމެކެވެ. ހެދުމާއި ގުޅުވައިގެން ބޮލުގައި މަލެއްވެސް ޖަހާފައިވާއިރު މަލަކާ ވަރަށް ވެސް ރީއްޗެވެ. “ދަރިފުޅު އަވަސްކުރޭ.. މިހާރު ދިހަމިނެޓައް ވީއްޔޭ..” މުނީރާ ކޮޓަރިތެރެއަށް ވަންނަމުން މަލަކާ އަށް ބުންޏެވެ. “މިނިމުނީ އޭ މާމާ.. ކޮބާތަ އައި ކޮއްކޮ ތައްޔާރުވެއްޖެ ތަ؟..” ގޮނޑިން ތެދުވަމުން މަލަކާ ބަލައިލީ އައިމަން ފެނެތޯއެވެ. “އައިކޮ މިހިރީއޭ.. ” ކޮޓަރިތެރެއަށް ވަންނަމުން އައިމަން ބުންޏެވެ. ” ވާއޮ ދޮންތީ..ޔޫ ލުކް ސޯ ޕްރެޓީ..” އައިމަން އައިސް މަލަކާގެ އަތުގައި ހިފާލިއެވެ. “ހޫމް.. މިކުއްޖާ ގަނޑުވެސް މިހާރު ހާދަ ނޯޓީ އޭ ދޯ..” އައިމަންގެ ކޮލުގައި ހިފާލަމުން މަލަކާ މިހެން ބުނުމަށްފަހު ކޯޓަށްދިއުމަށްޓަކައި އެންމެންނާ އެކީ ދާން ހިނގައިގަތެވެ. މަލަކާގެ ދޮރޯށިން ނިކުނަން އެޅިފިޔަވަޅު ހުއްޓުނީ ދޮރޯށި ކުރިމަތީ ހުއްޓިގެން ހުރި ހިމަތޮޅި ޒުވާނާ އަށެވެ. ކިތަންމެ ދުވަސްތަކެއް ވިޔަސް މަލަކާ އަށް އެއީ ކާކުކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެހެންނަމަވެސް އައިމަން އާއި މުނީރާ އާއި ދެންތިބި މީހުންނަށް އެ މީހަކު ފާހަގަ ކުރާކަށް ނޭނގެ އެވެ. އެންމެންވެސް ބަލަހައްޓައިގެން ހުރި ގޮތުން އެ ޒުވާނާ އިސްޖަހާލިއެވެ. މަލަކާ އަށް ރޮވެން ފެށުނީ ކުރިމަތީގައި ހުރި މީހާގެ ސިފަފެނުމުންނެވެ. ހިކި އަނަރޫފަ ވެފައިވާ ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑުވެސް ދިގުވެފައި ދެލޯވަނީ ވަޅުވަދެފައެވެ. މޫނުގައި އެއްވެސް ދިރުމެއްނެތެވެ. ކުރިމަތީގައި ހުރި ޒުވާނާ އައިސް މަލަކާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ސަލާމް ކޮށްލުމަށްޓަކއި އަތްދިއްކޮށްލިއެވެ. މަލަކާ އަށް އެވަގުތު އެޒުވާނާގެ ގައިގައި ބައްދާގަނެވުނެވެ. އަދި ބާރުބާރަށް ރޯން ފެށިއެވެ. އޭރުވެސް ކައިރީގައި ތިބި އެހެން އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. “ދޮންބޭ.. ކީއްވެ.. ކީއްވެ ” މަލަކާ އަށް ރޮވޭވަރުން ވާހަކަވެސް ދެއްކޭވަރެއްނުވެއެވެ. އަހުސަން ދެކެ ކިތަންމެ ރުޅިއައިސް ހުރި ނަމަވެސް އަހުސަން ފެނުމުން ކެތްނުކުރެވުނީ އެވެ. އަމިއްލަ ބޭބެ އެތަކެއް އަހަރުދުވަސް ފަހުން ފެނުމުން ކެތްކުރެވޭނީ ކާކަށް ހެއްޔެވެ. މަލަކާ ދޮންބެ އޭ ބުނުމުން އެހެންމީހުންނަށްވެސް އެއީ އަހުސަން ކަން އެނގުނެވެ. “މީ ރޯންވީ ވަގުތެއް ނޫނެއްނު.. މިހާރުވެސް މާ ލަސްވެއްޖެ. ދެން ހިނގާ އަވަހަށް..” މަލަކާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަންނަމުން އަހުސަން ބުންޏެވެ.

އޭރު ގަޑިން އެއްގަޑި ތިރީސްވާން އިނީ ތިންމިނެޓަށްވެފައެވެ. މިހެންކަމުން މަލަކާގެ ކައިވެނި ކުރާގަޑި ޖެހެމުން އަންނާތީ އެންމެންވެސް އަވަސްވެގަތީ އެކަމައިގެންނެވެ.

ކޯޓާ ހަމައަށް ދެވުނުއިރު ސަނާހް ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ހީވާގޮތުން ސަނާޙް އައިސް ހުންނަތާ ވަރަށް ގިނައިރުވެދާނެއެވެ. ސަނާހް އަށްވެސް މަލަކާގެ އަތުގައި ހިފައިގެން ހުރި މީހާ ފެނުމުން ކުއްލި ސިހުމެއް ލިބުނެވެ. “މަލަކާ..މީ..މީ ކާކު..” ސަނާހް ހައިރާންވެފައި އަހާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ. “މީ އަހުސަން ދޮންބެ… އިތުރަށް ސުވާލު ކުރާނީ ފަހުން..” ސަނާހް އަށް އެއީ އަހުސަން ކަން އެނގުމުން އިތުރަށް ހައިރާންވިއެވެ. އެހެންނަމަވެސް މިވަގުތު ކުރަން ހަމަޖެހިފައިވާ ހަޔާތުގެ އެންމެ މުހިއްމު އެއްވަގުތުކޮޅާއިގެން ކުރިއަށް ހިނގައިގަތެވެ. މަލަކާގެ އާއިލާ މީހުންނާއި ރައްޓހިން ކޯޓަށް ވަދެވެން އޮތްވަރަކުން ވަދެ ގޮނޑިތަކުގައި އިށީނދެ ހަމަޖެހުނެވެ. އެވަގުތު ގާޒީ ކުރިއަށް ގެންދިޔައެވެ. މަލަކާ ގެ ހަޔާތުގެ މި އުފާވެރި ވަގުތު ހިތުގެ ތެޅުން ދެގުނަ އަށް އތުރުވެފައިވަނީ ކީއްވެ ކަމެއް މަލަކާ އަކަށް ނޭނގެއެވެ. އަތްފައި ފިނިވެފައިވާ އިރު އިސްއުފުލާ ބަލައިލާންވެސް މަލަކާ އަށް ނޭނގި އިނދެވުނީ އެވެ. “އަނބި ގަބޫލްކޮށްފިން..” ސަނާހް ގެ މި ޖުމްލަ އާއި އެކު މަލަކާ އިސްއުފުލާ ބަލައިލިއެވެ. އެވަގުތު މޫނުމައްޗަށް ޖަންބުކުލަ އަރައިގެން ދިޔުމާއި އެކު އަނެއްކާ ވެސް އިސްޖަހާލެވުނެވެ. ކައިވެނި ކޮށް ނިމުމުން އެންމެނާ ސަލާމް ކުރުމަށްފަހު ގެއަށް އާދެވުނީ ދޭއްޖަހަން ކައިރިވެފައި ހުއްޓައެވެ.

އަހުސަން ގެއަށް ވަނުމަށްފަހު އެންމެ ފުރަތަމަ ވެސް ދިޔައީ އާޒިމްގެ ކޮޓަރިއަށެވެ.  މާޒީގެ އެތަކެއް ހަނދާންތަކެއް އެކުލެވިގެން އެކޮޓަރީގެ ދޮރުހުޅުވާލުމާއެކުވެސް އެންމެ ފުރަތަމަ އަހުސަންގެ ލޮލުގައި އަޅައިގަތީ ކުޑަ މޭޒްމަތީގައި ބަހައްޓާފައިވާ މަންމަ އާއި ބައްޕަގެ ތަސްވީރަށެވެ. މަޑުމަޑުން ހިނގާފައި ގޮސް ތަސްވީރު ނަގާ މޭގައި ޖައްސާލިއެވެ. “މަންމަ..ބައްޕަ.. އަހަންނަށް މަޢާފް ކުރޭ..އަހަރެން މީ ކުއްވެރިޔަކީމް..މަންމަ އާއި ބައްޕަގެ އުންމީދުތައް ފުރިހަމަނުކޮށްދެވުނު ބަސްނާހާ ކުއްޖަކީމް..” އެކަނި ހުރެ އަހުސަން ވާހަކަ ދައްކަމުން ދިޔައީ ރޮމުންނެވެ. މިމަންޒަރު ބަލަން ދޮރުކައިރީ ހުރި މަލަކާ އަށްވެސް އެވަގުތު ރޮވުނެވެ. “ދޮންބޭ..ދޮންބެ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން މައާފް ކޮށްފިން ދޮންބެ އަށް.. މަންމަ އާއި ބައްޕަގެ މައާފް ބޭނުމިއްޔާ ދެން އޮތް ދުވަސްތައް އެދެމީހުންނަށް ހެޔޮދުޢާ ކުރުންމަތީ ދެމިހުރޭ..” ކޮޓަރިތެރެއަށް ވަންނަމުން މަލަކާ ބުނެލިއެވެ. މިހާރު އަހުސަން އަށް ވުރެ މަލަކާ މާ ހަރުދަނާއެވެ. އަހުސަން އެނދުގައި އިށީނެވެ. އަދި މަލަކާ އާ ދިމާލަށް އެނބުރިލީ ކުއްވެރިޔަކު ފަދައިންނެވެ. “ސޮރީ މަލަކާ.. ދޮންބެ އަށް އުޅެވުނުގޮތުން އެކަމުގެ އަދަބު ދޮންބެ އަށް ލިބިއްޖެ..” އަހުސަން މިހެން ބުނުމުން މަލަކާ އަށް އަހުސަން އެދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގުނެވެ. މަލަކާ ހީކުރަމުން އައީ އަހުސަން ރާއްޖެން ބޭރަށްގޮސް އާއިލާ މަތިން ހަނދާން ނައްތާލާ އަދި ބައްޕަގެ މަރުގެ ހަބަރުލިބުމުން އެކަމަށް އަޅާނުލެވި ހުރުމުން އެކަމުގެ ވާހަކަ ދައްކަނީ ކަމަށެވެ. އެހެންނަމަވެސް އަދަބުގެ ވާހަކަ ދެއްކުމުން މަލަކާ ގެ ހިތުގައި އިތުރު ސުވާލު ތަކެއް އުފެދުނެވެ. “ދޮންބެ އަށް އެނގޭ ދޮންބެ މީ ވަރަށް ގޯސް މީހެއްކަން..ކިޔަވަން ގޮސް ދޮންބެގެ އެންމެ ލޯބިވާ ކޮއްކޮމެން މަތިން ހަނދާން ނައްތާލީ..އެވަރުނުވެގެން ބައްޕަގެ މަރު..” އަހުސަންގެ އަޑު ބެދިގެން ދިޔައެވެ. “ދޮންބޭ..ދެން އެކަމާ އަޅާނުލާ..އެކަމަކު އެހާ ހިކިވެ އަނަރޫފަ ވެފަ ހުރީ ކީއްވެ؟.މަލަކާ އަނެއްކާވެސް ސުވާލުކުރިއެވެ. އަހުސަން ދެލޯފޮހެލިއެވެ. އަދި އަހުސަންގެ ހިތި ތަޖްރިބާ ކިޔައިދޭންފެށީ ދެލޮލުން ކަރުނަ އޮހޮރޭ ހާލްގައެވެ.

އޮސްޓްރޭލިޔާ އަށް އާދެވުމާއި އެކު އަހުސަންގެ އުންމީދަކަށްވީ މަންމަ އާއި ބައްޕަގެ އުންމީދުތައް ފުރިހަމަ ކުރުމަށްޓަކއި މިންނަތާއި އެކު މަސައްކަތް ކޮށް އެދެމީހުން ފަޙުރުވެރިވާނޭ ދަރިއަކަށް ވުމަށެވެ. އެހެންނަމަވެސް އަހުސަންގެ ދިރިއުޅުން ބައްޓަންވީ ޙުދު އަހުސަން ވެސް ބޭނުންވިގޮތަކަށްނޫނެވެ. އޮސްޓްރޭލިޔާ ދެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަހުސަން އަށް އާ ރައްޓެހިންތަކެއް ލިބުނެވެ. ފޮނި އުއްމީދެއްގައި ކިޔަވަން އައި އަހުސަން އަށް، މިލިބުނު ރައްޓެހިން ވީ އައި މަގްސަދުވެސް ހަނދާންނައްތާލުވި ބަޔަކަށެވެ. އެހާވެސް މަޖަލުގައި ދުވަސްތައް ގުނަމުން ދިޔައިރު މިވެއްޓެނީ ކިހާ އަޑިއަށް ކަމެއް އޭރަކު އަހުސަންއަކަށް ނުވިސްނެއެވެ. މަސްތުވާ ތަކެތީގެ އަވައިގައި ޖެހި މުޅި މީހާ އޮޔާދާ ކަރުދާސް ކޮޅެއްގެ ބީދައިން ދާއިރު އާއިލާ މީހުންނާއި ރަށުގެ ހެޔޮއެދޭ އެކުވެރިން މަތިން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. އަހުސަން ފުރާނަފަދައިން ލޯބިވި ބައްޕަ މިދުނިޔެ ދޫކޮށްދިޔަ ހިތާމަ ވެރި ހަބަރު ދިނުމުން އެހަބަރު އޭރު އަހުސަން އެހީ އެއީ އެއްވެސް ކަމެއްނޫން ކަމުގައެވެ. މަސްތުގައި ޖެހި ވާނުވާ ނޭނގޭ ހާލު އަހަރުތައް ވޭތުކުރަމުން ދިޔުމުގެ ނަތީޖާ އެއްގެ ގޮތުން އަހުސަން ބަލިވާން ފެށިއެވެ. އެނދުން ނުތެދުވެވޭ ހާލު އައުމުން އެންމެ ފުރަތަމަވެސް އަހުސަންގެ ހަނދާނަށް އައީ ބައްޕަގެ މަތިންނެވެ. ބައްޕަ ދެއްވި އަގުހުރި ނަސޭހަތްތަކެވެ. ބައްޕަ ކުރި އުންމީދު ތަކެވެ. ބަލިހާލު ބޮޑުވަމުން ގޮސް އޮތްތަނުން ނުތެދެވޭ ހާލަށް އަހުސަން ދިޔައެވެ. އެހާލުގައި އަހުސަން އަށް އެހީތެރިވީ އަހުސަން ހުންނަ ގޭގައި މަސައްކަތް ކުރާ ނޯކަރެކެވެ. ޑޮކްޓަރުގެ އެތައް ތަހުލީލު ތަކެއް ކުރުމަށްފަހު ދިން ޖަވާބަކުން އަހުސަންގެ މުޅި ދިރިއުޅުން ބަންޑުންވެގެން ދިޔަހެން ހީވިއެވެ. އެހެންނަމަވެސް ވިސްނުނީ މާފަހުންނެވެ. ދެއަތް މައްޗަށް ނަގާ ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. ހެޔޮ ތައުބާއަކުން ތައުބާވިއެވެ. އެހެންނަމަވެސް އޭރު އަހުސަންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެއެވެ. އެއިޑްސް ޖެހިފައިވާ މީހެއްގެ ގޮތުގައި އެނބުރި އާއިލާ މީހުން ކައިރިއަށް ދާން ޖެހިލުންވިއެވެ. އެހެންނަމަވެސް ދުނިޔެ އަޅާ ދިއުމުގެ ކުރިން އެއްމެ ފަހަރަކު ނަމަވެސް ލޯބިވާ ދެކޮއްކޮ ދެކިލުމަށްޓަކައި ހިތް އަވަސް ވެގަތެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ ހުންނަން އަހުސަން ބޭނުން ނުވީއެވެ. އެހެންވެ އަވަހަށް ފުރައިގެން އައީ ދުވަހަކުވެސް ދެން އެނބުރި ނާންނަ ގޮތަށެވެ. އުމުރަށް  އަލްވަދާއު ކިޔާފައެވެ.

މީ އަހުސަން ގެ ހަޔާތް ބަރުބާދުވެގެން ދިޔަގޮތެވެ.

އަހުސަންގެ އަތް ތުރުތުރު އަޅާހާލު ބޮލުގައި ދެއަތުން ބާރަށް އަތް އަޅާ ބާރުކޮށްލިއެވެ. އަޑުގެ ކޮޅަށް ހަޅެއްލަވައިގަންނަން އަހުސަންގެ ހިތަށް އެރިއެވެ. އެހެންނަމަވަވެސް މަޑުމައިތިރިކަން ހިޔާރުކުރިއެވެ. މަލަކާ އަށް ރޮވޭ ގޮތްވި ނަމަވެސް އެކަން ދޮންބެ އަށް ނުދައްކަން މޫނު އަނބުރާލިއެވެ. އަހުސަން ހީކުރީ މަލަކާ ރުޅިއައީ ކަމަށެވެ. ތެދެކެވެ. އަހުސަން ދެކެ އެންމެން ރުޅިއައުން ހައްގެވެ. ފޫހިވުން ހައްގެވެ. މިހެންވެ މަޑުމަޑުން ތެދުވެ ހިނގައިގަތެވެ. އެވަގުތު މަލަކާ އަހސަންގެ އަތުގައި ހިފަހެއްޓިއެވެ. “ދޮންބޭ.. ކޮންތާކަށް”.. މަލަކާ ތެދުވިއެވެ. އަދި އަހުސަންގެ ކުރިމައްޗަށް އެރިއެވެ. “ދޮންބެ އަކީ މާފު ހައްގުވާ މީހެއް ނޫން. އެހެންނަމަވެސް ދޮންބެއަށް މާފުކުރޭ. ދޮންބެ ދަނީ. މަލަކާޔާ ދުރަށް. އައިކޮ އާ ދުރަށް.. ” އަހުސަން އަނެއްކާވެސް ހިނގައިގަންނަން އުޅުނެވެ. އެވަގުތު އައިމަން އައިސް އަހުސަންގެ ފައިގައި ބައްދާގަނެވެ. “ކޮއްކޮ ބަހައްޓާފަ ނުދޭ.. ބައްޕަވެސް ދިޔައީ.. ދޮންބެ ވެސް ދަނީ.. އައިކޮ ކިހާ އެކަނިވާނެ..” އަހުސަން ރޯން ފެށިއެވެ. މަލަކާވެސް އަހުސަން އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ދުވަހަކުވެސް ނުދާށޭ ބުނާ ފަދަގޮތަކަށެވެ. “ދޮންބޭ. ނުދޭ. އަހަރެމެން ދޫކޮށްފަ ނުދޭ.” އަހުސަން އަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅުނެވެ. އަހުސަން ގެ ލޮލުން ކަރުނަ ފާޢްދާލިއެވެ. އައިމަން ނަގާ ބާރަށް ބައްދާލިއެވެ. އެވަގުތު މުޅި ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައީ ތިންބެއިންގެ ގިސްލުމުގެ އަޑެވެ. އަހުސަންގެ ހަޔާތުގެ ބާކީ ދުވަސްތައް އައިމަން އާ މަލަކާ އާ އެކީ ހޭދަކުރުމަށް ނިންމިއެވެ. އެކުޑަ އާއިލާއަށް އުފާވެރިކަން ގެނެސްދޭން އަހުސަން އަޒުމް ކަޑައެޅިއެވެ. ހަޔާތުގެ ކުރު ދުވަސްތައް އުފަލުގައި ހޭދަކުރަން ނިންމިއެވެ. ހަމައެކަނި ދެކޮއްކޮގެ ހައްގުގައެވެ.

“މިއަދަކީ ކިހާ އުފާވެރި ދުވަހެއް. މަލަކާ ކޮއްކޮ އާ ހަޔާތެއް ފެށިދުވަސް” އަހުސަން ކަރުނަ ފޮހެލުމަށްފަހު ހިނިތުންވެލަމުން ބުންޏެވެ. އެވަގުތު މަލަކާގެ މޫނު ޖަންބުވެގެން ދިޔައެވެ. “އޯކެ ދޮންބޭ.. ދޮންބެވެސް އާހަޔާތެއް ފަށާނެ އެއްނު” މަލަކާއަށް މިހެން ބުނެވުނީއެވެ. އެވަގުތު މުޅިތަނަށް އަނެއްކާވެސް ހަމަހިމޭންކަން ވެރިވިއެވެ. އެހަމަހިމޭންކަން ކަނޑާލީ ކޮޓަރިތެރެއަށް ވަދެގެން އައި ސަނާހުއެވެ. “ކޮބާ މިހާރު ހަމަޔަކަށް އެޅިއްޖެތަ؟ ނޫނީ އަދިވެސް ކަރުނަ ނުހިކޭ” ސަމާސާކޮށްލަމުން ސަނާހް ބުންޏެވެ. “މާމަ އެބައުޅޭ ތިން ކުދިން ނުފެނިގެން.. ސަޔަށް ތައްޔާރުކުރަން އުޅފަ މަލަކާ ދިޔަ ތަނެއް ނޭނގެޔޯ ކިޔަމުން މިދިމާލަށް އަންނަން ހެދީމަ މަބުނިން މަލަކާ ގޮވައިގެން މިއަންނަނީއެ. އަވަހަށް ދޭ މަލަކާ. އައިމަން ވެސް ދޭ އެފަރާތަށް.” ސަނާހް މިހެން ބުނުމުން މަލަކާ ވެސް އައިމަން ގޮވައިގެން ނިކުތެވެ. ސަނާހް އާ އަހުސަން އާ ދެމީހުން ވާހަކަދައްކަން ކޮޓަރީގައި މަޑުކޮށްގެން ތިބީއެވެ.

މަލަކާގެ ހަޔާތަށް އަނެއްކާވެސް އުފާވެރިކަން އައީއެވެ. ހަމައެކަނި މަލަކާގެ ހަޔާތަކަށް ނޫނެވެ. އައިމަން ވެސް ހުންނަނީ އަބަދުވެސް އުފަލުން ފޮޅިފައެވެ. އާޒިމް ދިއުމުގެ ހިތާމާގައި ގަބުވެފައި ހުންނަ އައިމަން އަށް އަހުސަން އައުމުން ބައްޕަނެތް ކަމުގެ އިހުސާސް ކުޑަކޮށްދިނެވެ. މަލަކާވެސް އާހަޔާތެއް ފެށުމުން ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ މަންމަގެ ދިރިއުޅުމުން ފިލާވަޅުތަކެއް ދަސްކޮށްގެންނެވެ. އެއީ ކެތްތެރިކަމެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ މަލަކާކައިރީ އަބަދުވެސް މަންމަ ބުނާނެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ގޮތެއްވެސް ނޭނގެއެވެ. މަލަކާއަށް ލޯބި ލޯބި އަންހެން ކުއްޖަކު ލިބުނެވެ. އެއީ ޔަނާލްއެވެ. ޔަނާލް މިދުނިޔެއަށް ނޭވާލީ ދުވަހަކީ އަހުސަން މިދުނިޔެ ދޫކުރި ދުވަހެވެ. އެދުވަހު މަލަކާ ވަރަށް ރުޔެވެ. އެހެންނަމަވެސް ކޮންމެ މީހަކީވެސް ދުނިޔެ ދޫކޮށް ދާންޖެހޭނެ މީހެކެވެ. އަހުސަން މިދުނިޔެ ދޫކޮށް ދިއުމުން އެންމެ ފުން ހިތާމައެއް ކުރީ އައިމަންއެވެ. އެހެންނަމަވެސް ސަނާހްގެ ހިތްވަރުން ފުރިގެންވާ ބަސްތަކުން އައިމަން ހަމަޔަކަށް އެޅުވިއެވެ. ސަނާހް އަކީ މަލަކާގެ ހަޔާތަށް އައި ނަސީބެއް ކަމުގައި މަލަކާ ދެކުނެވެ. މަލަކާއާއި އައިމަން އަށް އެހާ އަޅާލާ އޯގާތެރިއެވެ.

މިހާރު ތިން އަހަރު ފާއިތުވެގެން ދިޔައީ އެވެ. މާސިންގާ ކަނޑުގެ ރާޅުތަކަށް ބަލަން އިން މަލަކާ ހޭވެރިކަންވީ މަލަކާގެ އުނގުމަތީއިން ޔަނާލް ގެ އަޑަށެވެ. “ބައްޕާ ” .. އެހިނދު މަލަކާ ފަހަތް ބަލާލިއެވެ. ސަނާހް ހުރީ މަލަކާގެ ފުރަގަހުގައެވެ. އައިމަން ހުރި ކަން އެނގުނީ ސަނާހެ ގެ ފަހަތުގަ ހުރެފަ ކުއްލިއަކަށް ސިއްސުވާލީމައެވެ. އައިމަން އާ ޔަނާލް ދެކުދިން ސަނާހްގެ އަތުގައި ހިފައިގެން މަލަކާ ކައިރީ އިށީނެވެ. މިހާރު އެއީ ފުރިހަމަ އާއިލާއެކެވެ. ދުވަހަކުވެސް ވަކިވެގެން ނުދާނޭގޮތުގައެވެ.

= ނިމުނީ =

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses