“ކަނޑުގެބާޒު”ގެ ވަކިތަކުން މި ދިވެހި ފަސްގަނޑުން އޮހޮރުނުލޭ!…..

“ކަނޑުގެބާޒު”ގެ ވަކިތަކުން މި ދިވެހި ފަސްގަނޑުން އޮހޮރުނުލޭ!…..

ޢަލީ ރަމީޒު ، މަތިހާ އއ.މަތިވެރި

އެއީތޯއެވެ؟ ދުނިޔޭގެ ކަނޑުގެ ބާޒު ގެ އަޅުވެތިކަން މުޅިދުނިޔެއަށް ފޯރުވަމުން ދިޔަދުވަސްވަރެވެ. ހިންދުކަނޑުގައި “ސުވަރުގެ” އެއްފަދަ މި އަމާން އޮމާން ކުޑަކުޑަ ދިވެހިރާއްޖެއަށް އެނުލަފާ ކަނޑުގެބާޒުގެ ވަކިތަކުން ވަކިއަޅާ އަޅުވެތިކުރުމަށް  ވިސްނުނީ ކީއްވެތޯއެވެ؟ މިހަމަ ހިމޭން ގައުމަށް އެނުލަފާ ބާޒުގެ ފައިބީއްސާލުމަށް ފުރުޞަތު ދިނީ ކޮން ދިވެހި ޚާއިނެއްތޯއެވެ؟

ހިޖުރައިން 965 ވަނަ އަހަރުގެ ރަޖަބު މަހުގެ 29 ވަނަ ވިލޭރެއެވެ. ވަގުތަކީ ފަތިސްވަގުތެވެ. އިރުމަތި ފަރާތުން އުދަރެސް ދޮންވާންފަށާފިއެވެ. އައުދުވަހަކަށް އިރުއެރުމުގެ ކުލަތައް އުޑުމަތިން ފެންނާންފަށާފިއެވެ. ކާޅާ ހާލުގެ އަޑުން ޖައްވު ގުގުމާލިއެވެ. އިސާހިތަކު އެއްވެސް ފިކުރެއް ހިޔާލެއްނެތި ނިދީ ހަމަހިމޭން ކަމުގައި ތިބި މީހުން ހޭލަމޭލަވާން ފަށާފިއެވެ. އެއްވެސް ފިކުރެއްނެތިއެވެ. އެހެނަސް………. ކަންވެގެން ދިޔައީ ކިހިނެއްތޯއެވެ؟ ހިތަށްވެސް ނާރާފަދަ ގޮތެކެވެ. އަނިޔާވެރި ނުލަފާ ބާޒު ޅަފިޔޮކަށް ހަމަލާ ދޭބީދައިން ދިވެހި ފަސްގަނޑަށް އަރާ ދިވެހިންގެ ލޭ މިދިވެހި ބިމަށް އޮހޮރުވާލީ އެވެ. އެއީ ތޯއެވެ.

މީލާދީން 1558 ވަނަ އަހަރެވެ. މެއި މަހުގެ 19 ދުވަހެވެ.  އަލިރަސްގެފާނުގެ ރަސްކަމަށް ކިރިޔާ 2 އަހަރާއި 6 މަސް ވީތަނާއެވެ. ދުނިޔޭގެ ކަނޑުގެ ބާޒުގެ ނުރައްކާތެރި 2 ޙަމަލާއެއް މީގެ ކުރިން ދިވެހިން ނާކާމިޔާބު ކޮށްލާފައިވީ ހިނދުގައެވެ.  ޚުދު އަލިރަސްގެފާނު ވެފައިވަނީ އޭގެ ތެރެއިން ފަހު ހަމަލާގައި ދިވެހި މުޖާހިދުންގެ ކޮމާންޑަރަކަށެވެ. މިހުރިހާ ހަމަލާއެއްގެ ފަހަތުގައި ވަނީ ކޮންފަދަ ނުބައި ޚާއިނެއްތޯއެވެ. އާދެ! ވެރިކަމަށް ދަހިވެތިވެ ކާފަރުވި ހަސަން 9 ވަނަރަސްގެފާނެވެ. އަނެއްކާވެސް ޕޯޗްގީޒުންގެ ހަނގުރާމަ މަތީ ބާޒެއް ދިވެހިންގެ ކަލާނގެ “ތިންކަފިކޮށްލަން” “ކާފަރު ރަދުން” ފޮނުވިއެވެ. މިއީ ބަރު ހަތިޔާރާ އެކު އައި ވަރުގަދަ ހަނގުރާމަ މަތީ ފްލީޓެކެވެ. މިލަޝްކަރުގެ ކެޕްޓަނަކަށް ހުރީ މަޝްހޫރު ކެޕްޓަން މެނުއަލް ޑަ ސިލްވޭރާ ޑި އަރައުޜޯ އެވެ.

މިބައިގަނޑު މާލެ ހިޞާރުކޮށް ބޮޑުބަޑީގެ ޙަމަލާތައް ރައްޔިތުންގެ ތެރެއަށް އޮއްސަން ފެއްޓިއެވެ. ރައްދު ޙަމަލާގައި މާލޭންވެސް ހަމަ އެފަދައިން ޙަމަލާދިނެވެ. ދުވަސްތައް ދިގުދެމެން ފެށިއެވެ. ޕޯޗްގީޒުންގެ ފޯރިކުޑަވާން ފެށިއެވެ. އަދި އެއްބަޔަކު ހަނގުރާމަ ހުއްޓާލަން ވާހަކަދެއްކުމުން، މާލެތެރޭގައިވެސް ބައިބައިވުންތައް އުފެދެން ފެށިއެވެ. އެންމެ ފަހުން ބަޣާވާތްކުރި ބައެއްގެ ސަބަބުން ޕޯޗްގީޒުން ބަޑިތަކާއި ސިލޭހަތައް ހިފައިގެން  މާލޭގެ ހުޅަނގު އުތުރު އަތިރިއަށް ފޭބި ޙަބަރު ރަސްގެފާނަށް ލިބުނީ ކުއްލިއަކަށެވެ. ކޮންމެއަކަސް އަލިރަސްގެފާނު އެކުޑަ ލަޝްކަރާއެކު ޢީދު މިސްކިތާ ހަމައަށް ވަޑައިގަތެވެ. އޭރު އެއީ އަތިރި މައްޗެވެ. ދެން އޮތީ ކާފަރު ޕޯޗްގީޒުންގެ ކަރަށް ޙަމަލާދިނުމަށް ޖިހާދުގެ މައިދާނަށް ނުކުންނަންވީ ވަގުތުކޮޅެވެ.

ނަމަވެސް ކާފަރުންގެ ބިޔަ ލަޝްކަރުގެ ޚަބަރު އިވިފައިތިބި ގިނަ ބަޔަކު ބޯށިފާ ތެރެއަށް، މިރިހި ފާތެރެއަށް ވަދެ ފިލާފިއެވެ. ޢީދު މިސްކިތާ ހަމައިން ދެން ޖިހާދުގެ މައިދާނުގައި ފައިތިލަ ޘާބިތުކޮށްލައިގެން ތިބީ އެންމެ ތިން ބޭކަލުންނެވެ. އެއީ ޢަލީ ރަސްގެފާނާއި، ބޮޑުވަޒީރާއި އިތުރު މުޖާހިދެކެވެ. ކޮންމެއަކަސް، އެ ހިތްވަރު ގަދަ 3 ބޭކަލުން ޖިހާދަށް ފުރަގަހެއް ނުދެއްވައެވެ. އެ “ބަނގުރާ ބޯ” ފަރަންޖީންނަށް އަމާނެއް ނުދެއްވައެވެ. ކުރެއްވީ ޖިހާދެވެ. 3 ބޭކަލުން ޖެހިލުމެއް ނެތި ކާފަރުންގެ ކުރިމައްޗަށް އެރީ ދީނަށްޓަކާ މޭ ދިއްކޮށްލައިގެން ތިބެއެވެ. ކަނޑި ހިފައިގެން ދުއްވައިގަތީ އެއިން ދުޝްމަނެއްގެ ކަރު އަތުޖެހޭތޯއެވެ. ނަމަވެސް ގިނަ ކަނޑި ބަޑި ލޮންސިތަކެއްގެ ކުރިމަތީ އެންމެ 3 ކަނޑިއަށްކުރެވޭނީކޮންކަމެއްތޯއެވެ؟

ވެޔޭލޮންސިކަނޑިބަޑިމިލަޝްކަރުގެއަތުގާ
ވެޔޭކިބުރުވެރިކަންމިހަތުރުންގެހިތުގާ
މެޔޭއުފުލަނީފައިޖަހާދިވެހިބިމުގާ
މިޔޭ ވަޒަނަކީ ބުނެ ތިބެންވީ އުމުރުގާ

ތާރީޚީ ބައެއް ފޮތްތަކުގައިވާގޮތުން އަލިރަސްގެފާނާއެކު ހަނގުރާމަކުރި މީހުން ފިލަންދުވާތަން ފެނިގެން މާލެ ވިލިނގިލީ ރައިވެރިބޭ، (އެވަގުތު އަތިރިމަތީގައި ހުރި ރުކެއްގައި އޮއްވައި) ފަތާފައި ނުވަތަ ކަނދުފައްޗެއްގައި މާލެ އައިސް އަލިރަސްގެފާނު އަރިހުގައި ހަނގުރާމަކުރައްވައި ޝަހިދުވީއެވެ. ރައިވެރިބޭ އަލިރަސްގެފާނުއަރިހަށް ގޮސް އޭނާގެ ރާބަނދި ރަދުންނަށް އެރުވިއެވެ. ތާރީޚީ ބައެއް ލިއުންތަކުގައިވަނީ އެރާފޮދު ހިއްޕެވުމަށްޓަކައި، އަލިރަސްގެފާނު ޕޯޗްގީޒުންނަށް ޙަމަލާ ދެއްވުން ހުއްޓަވާ ލެއްވި ވަގުތު، ޕޯޗްގީޒުންގެ އަވަރު މީހަކު އެއްލި ތީރަކުން އަލިރަސްގެފާނު އަވަހާރަވީ ކަމުގައެވެ. ރައިވެރިބޭ ޝަހީދުވީ އޭގެ ފަހުގައެވެ. އެއީ 1 ޝައުބާން 965 އެވެ. 19 މެއި 1558 އެވެ.

ޕޯޗްގީޒުންގެ އަނިޔާވެރި، އިސްތިޢުމާރީ ވެރިކަން ފެށުނީ މިދުވަހުއެވެ. ރާއްޖޭގެ ވެރިކަން ކުރީ އަނދިރިއަނދިރީން ނެވެ. އޭނާ އުތުރުގެ އަތޮޅުތަކުގެ ވެރިޔަކަށް ޢައްޔަންކޮށްފައިވަނީ ވިޔަޒޯރެވެ. ވިޔަޒޯރުގެ އަނިޔާވެރިކަން މާލޭން އުތުރުގެ ރަށްތަކަށް ތަޙައްމަލުކުރަން ޖެހުނެވެ. އޭނާ ހުރީ އެސަރަހައްދުގެ ވެރިރަށަކީ ބާރަށް ކަމުގައި ހަދައިގެން އެރަށުގައެވެ. އަލިރަސްގެފާނުގެ ހުވަފަތްއަނބިކަމަނާ ކަނބާޢާއިޝާ ފޭރިގަނެ، އެކަމަނާއަކީ އޭނާގެ އަނބިމީހާ ކަމަށް ހެދިއެވެ. އަދި އަލިރަސްގެފާނުގެ ދަރިކަނބަލުންވެސް އޭނާގެ އަޅުވެތިކަމުގެ ދަށުގައި ގެންގުޅުނެވެ.

އެދުވަސްވަރު އުތީމު ބޮޑުތަކުރުފާނު ގެންދެވީ ޙިކުމަތްތެރި ކަމާއެކު ވިޔަޒޯރާ ގާތްގުޅުމެއް ބާއްވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑުތަކުރުފާނަށް “ވެދުންއޮޑީ”ގެ ނެވިކަން ލިބިވަޑައިގަތެވެ. ވެދުން އޮޑިއަކީ އަތޮޅުގެ ރަށްރަށުން ވިޔަޒޯރަށް ނުވަތަ ޕޮޗްގީޒުން ރައްޖޭގައި ހިންގި އިސްތިޢުމާރީ ވެރިކަމަށް ވެދުން ހިފައިގެން ދާ އޮޑިއެއް ކަމުގައި ވެއެވެ. މިދުވަސްވަރުގެ ތެރޭގައި ބޮޑުތަކުރުފާނު ސިއްތިމާވާރަނި ކިލެގެފާނާ ކައިވެނިފުޅު ބައްލަވައި ގަތެވެ. އަދި އެތަކުރުފާނު ރާއްޖެ ފަތަޙަ ކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި، މަޝްހޫރު ކަޅުއޮއްފުންމި ލިބުނީވެސް ޙިކުމަތްތެރިކަމާއެކު ވިޔަޒޯރާ ބެހެއްޓެވި ގުޅުމުގެ ސަބަބުން ވިޔަޒޯރުގެ އެހީގައެވެ.

އެހެންނަމަވެސް އަމިއްލަ އެދުމާއި، ޚިޔާނާތްތެރިކަމުން ފޯވެފައިވާ މަދު ބައެއްގެ ސަބަބުން ބޮޑުތަކުރުފާނުގެ މަޤުސަދު ޙާޞިލް ވުމުގެ ކުރިން ވިޔަޒޯރާއި، ޕޯޗްގީޒުންނަށް އެތަކުރުފާނުގެ މަޤުސަދު އެނގުނެވެ. އެހެންކަމުން މާލޭގައިތިބި ޕޯޗްގީޒުވެރިން ވިޔަޒޯރަށް އެންގީ އުތީމުތިންބެއިން ދިރިތިއްބާ ނުވަތަ މަރާލައިގެން އެތިންބެއިންގެ އިސްތަށިފުޅު މާލެގެނައުމަށެވެ. އެހެންނަމަވެސް ބޮޑުތަކުރުފާނުގެ ޙިކުމަތްތެރި ކަމާއި ހުށިޔާރުކަމުން ޕޯޗްގީޒުންގެ ނުބައިރޭވުމުން ސަލާމަތްވެވަޑައިގެނެވިއެވެ. މާލެއަށް އައި ދަތުރުމަތީގައި ވިޔަޒޯރާއި، އޭނާގެ ހަށިފާރަވެރިންގެ ބޯކަނޑުއްވާލައްވައި ކާށިދޫކަނޑަށް އެއްލާލެވުނެވެ. އެއަށްފަހު އުތީމު ތިންބޭން ރާއްޖެދޫކުރައްވައި، އެބޭފުޅުންގެ ޢާއިލާގެ މީހުންނާއެކު ވަޑައިގަތީ މަލިކަށެވެ. މަލިކުގައި ތިއްބަވައިގެން، ސިއްރިއްޔާތުގައި ދަތުރުކުރައްވައި ރޭގަނޑު އަނދިރިވުމުން ރާއްޖޭގެ ރަށްރަށަށް އަރާވަޑައިގެން ޕޯޗްގީޒުންނާ ހަނގުރާމަ ކުރެއްވިއެވެ.

މިހަނގުރާމައިގައި އެއްރެއަކު ތަކަންދުއަށް އަރުއްވައިގެން އުޅެނިކޮށް، ޕޯޗްގީޒުން ޢަލިތަކުރުފާނު ޝަހީދުކުރިއެވެ. މިގޮތުން ކުރެއްވި ހަނގުރާމައިގައި ބޮޑުތަކުރުފާނު، މާލެ އަރާވަޑައިގެން ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި، އެމީހުންގެ އިސްތިޢުމާރީ އަޅުވެތިކަމުން މިޤައުމު ސަލާމަތްކުރެއްވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަރޭގައެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުގައި ރާއްޖެ އޮތީ 15 އަހަރާ 7 މަސްދުވަހު ކަމަށް ތާރީޚީ ލިއުންތަކުގައި ވެއެވެ.

އަލިރަސްގެފާނުގެ މަތިވެރި ޤުރުބާނީއަކީ އަބަދާއި އަބަދު ދިވެހިން ހަނަދުމަކުރަންވީ ޤުރުބާނީއެކެވެ. އެމާތް ޝަހީދުގެ ޙަޔާތްޕުޅަކީ މަތިވެރި ދަރުސްތަކެއް އަޅުގަނޑުމެން އެއިން ދަސްކުރަންވީ ހަޔާތްޕުޅެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ އަލިރަސްގެފާނުންނަށް ނުވެވުނު ނަމަވެސް، ތެދުވެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކޮށްދެވޭނެ ޙިދުމަތްތަކެއް ހަމަގައިމުވެސް އެބަހުއްޓެވެ.

           އަބުޠާލުންނަށް ޤައުމީ އިހުގެއަދުފޮނުވަމާތޯވެދުމަކަށް

               ޒިކްރާގެ ނިމުމެއްނެތްޖިޒީ ޝުކުރުން ގަތާޢަމަލީގޮތުން

ޢަލިރަސްގެފާނުގެ ފުރާނަފުޅަށް ރަޙުމަތްލައްވައި، އެރަދުންނަށް މާތްރަސްކަލާނގެ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އަދި އެލޮބުވެތި ރަދުންގެ މިސާލުން އެންމެހައި ދިވެހިންގެ ހިތްތަކުގައި ޙުއްބުލްވަޠަނުގެ އަގުމާތް ރޫޚު އުފައްދަވާށެވެ. އާމީން!

ކިޔުންތެރިންގެ ޚިޔާލު

2 ޚިޔާލު

  1. rasgefaanu

    ރަނގަޅު މަޢުލޫމާތުކޮޅެއް.. މިލިޔުމުގެ ތިންވަނަ ޕެރެގްރާފުގައިވާ “ދިވެހިންގެ ކަލާނގެ “ތިންކަފިކޮށްލަން”” މީ ވަރަށް އަޅައިގަތް ޢިބާރާތެއް.. ދިވެހިންނަކީ އެއްކައުވަންތަ ﷲ އަށް އީމާންވެގެން ތިބި ބައެއް. ނަޞާރާއިން (ކްރިސްޓިއަނުން) ނަކީ ސަލާމްލެއްވި ޢީސާގެ ފާނު ގެނެސްދެއްވި އެއްކައުވަންތަ ޢަޤީދާ ދޫކޮށްލުމަށްފަހު، ﷲ އާއި ޢީސާގެ ފާނާއި، ޖިބްރީލްގެ ފާނު (ހޮލީގޯސްޓް) މިތިން ފަރާތް އެއްކޮށް އެއީ އިލާހުން ކަމުގައި ޤަބޫލު ކުރާބައެއް… “އެއްކައުވަންތަ އިލާހެއް ތިންކަފި ކޮށްފަ” އެމީހުން އެތިބީ.. ރަނގަޅު ސިފަކުުރުމެއްމިއީ…. ދެކޮޅުނުޖެހޭ ޢަޤީދާތަކުން އަޅަމެން ރައްކާތެރި ކުރައްވާށި! އެއް އިލާހަކު އެއްވަގުތަކު ތިން އިލާހުންނަށް ވާނެ ގޮތެއް ނޯންނާނެ.. އިލާހާއި އެއިލާހުގެ މަޚްލޫޤުން ހަމަހަމަ ވާނެ ގޮތެއްވެސް ނޯންނާނެ..

    • ރަމީޒު

      ތިޔަ ފާޅު ކުރެއްވި ޚިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

wedding bridal ring wedding ideas 2017 wedding products blog wedding rings and bride dresses